ދުވާފަރު ބަނދަރުގައި ސިފައިންގެ މަނަވަރެއް ބަނދަރުކޮށްފި

ރ. ދުވާފަރު ބަނދަރުގައި ސިފައިންގެ މަނަވަރެއް ބަނދަރުކޮށްފިއެވެ.


އެ މަނަވަރު ބަނދަރުކުރީ ‘އޮޕަރޭޝަނެއްގައި ކަމަށް’ ސޯޝަަލް މީޑިއާގައި ހަބަރު ފެތުރުނުނަމަވެސް އެކަން އަދި ކަށަވަރެއް ނުކުރެވެއެވެ.

އެރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ އޭނާ މިވަގުތު ދަތުރުކުރަމުން ގެންދަނީ މާލެއިން ދުވާފަރަށްކަމަށެވެ. ސިފައިންގެ މަނަވަރެއް ދުވާފަރު ބަދަރުގައި އޮތްކަން އޭނާވެސް ޔަގީންކޮށްދެއްވިއެވެ.

ކައުންސިލްގެ މެންބަރު މުހައްމަދު ޖަމީލް ވިދާޅުވީ ބަނދަރުގައި މަނަވަރެއް އޮތްއިރު ސިފައިން އޮޕަރޭޝަނެއް ނުފެށި ނަމަވެސް، ރ. މަޑުއްވާރީގައި އޮޕަރޭޝަން ފެށިއިރު އެއަތޮޅުގެ ބައެއް ރަށްރަށުގައި ވެސް އޮޕަރޭޝަން ހިންގަން ޖެހިދާނެކަަމަށް ބުނެފައިވާކަމަށެވެ.

“ނަމަވެސް ސީދާ ދުވާފަރުގައި ހިންގާނެ ވާހަކައެއް ނުބުނޭ،” ކައުންސިލަރު ވިދާޅުވިއެވެ.

ސިފައިންގެ މީޑިއާގެ ބަހެއް އަދި މިކަމުގައި ނުލިބެއެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ސަލާމަތީ ބާރުތަކުން ވަނީ މަޑުއްވަރީގައި ހަރުކަށި ފިކުރާ ދެކޮޅަށް އޮޕަރޭޝަނެއް ފަށައިފައެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި ސިފައިންނާއި ގުޅިގެން މަޑުއްވަރީގައި މިދިޔަ ބުދަ ދުވަހު ފެށި އޮޕަރޭޝަން މިއަދުވެސް ކުރިއަށްދާ ކަމަށެވެ. މިއޮޕަރޭޝަން ނިންމާލާނެ ވަކި ދުވަހެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުންގެ މިއޮޕަރޭޝަންގައި މިހާތަނަށް ވަނީ ހަތް ގެއަކާއި ދޯންޏެއް ބަލައި ފާސްކޮށް، ހަރުކަށި ފިކުރު ފަތުރާ ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ދަރިއަކަށް ވެކްސިން ދޭން ދެކޮޅު ހެދި ދެމަފިރިއެއްގެ އަތުން ކުއްޖާ އަތުލައި، ޖެންޑަ މިނިސްޓްރީ މެދުވެރިކޮށް ވަނީ އެ ކުއްޖާގެ ބޮޑުދައިތައާ ކުއްޖާ ހަވާލުކޮށްފަ އެވެ. އެގޮތަށް އަމަލުކުރީ ވެކްސިން ދިނުމަށާއި ތައުލީމު ދިނުމަށް ތަކުރާރުކޮށް ނަސޭހަތް ދިނުމުން ވެސް ދެމަފިރިން އެކަމަށް އިންކާރުކުރުމުން ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ

ޓެރަރިޒަމާއި ހައްދުފަހަނައަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއީދުކޮށް އެކަންކަން ދިފާއުކޮށް ފަތުރަން މަސައްކަތް ކުރާ ކަމަށް ލިބެމުންދާ މައުލޫމާތުގެ މައްޗަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މި އޮޕަރޭޝަނުގައި ފުލުހުންނާއި ސިފައިގެން ގުޅިގެން އަޅަމުންދާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!