ބިދޭސީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ދޭން އެޗްއާރްސީއެމުން ގޮވާލައިފި

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާމެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތަކާއި، ނޭދެވޭ ތަފާތުކުރުންތައް ނައްތާލައި، އެފަރާތްތަކާމެދު އިހްތިރާމާއެކު މުއާމަލާތްކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަންސް އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަ ކުރަމުންދާ ހިޖުރަވެރިންގެ ދުވަހާއި ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހިޖުރަވެރިންގެ ދުވަހެއް ފާހަގަކުރުމުގެ މަގްސަދަކީ އެކިއެކި ބޭނުންތަކުގައި އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްއުޅޭ މީހުނަށް ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ހޭލުންތެރިކޮށް، އެގޮންޖެހުންތައް ހައްލުކުރުމަށް ވަކާލާތުކުރުމާއި، ހައްގުތައް ރައްކާތެރިކުރުމަށް ބާރުއެޅުން ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ރާއްޖެއަށް މައިގަނޑުގޮތެއްގައި ހިޖުރަކުރަނީ މަސައްކަތްތެރިން ކަމަށްވާއިރު، ހިޖުރަވެރީންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި އެފަދަ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށް ތަފާތު ގާނޫނުތައް ހަދާފައިވާ ކަމަށެވެ. މި ގާނޫނުތަކާއި ގަވާއިދުތަކުން ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް އެކަށައަޅައި، އެފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅި ބަޔާންވެގެންވީ ނަމަވެސް، ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަ ފަރާތްތަކާއި އަދި އެކަމުގައި ޝާމިލުވާ އެހެނިހެން ފަރާތްތަކުން މި މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށެވެ.

އެގޮތުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ރައްކާތެރިކަންނެތް މާހައުލުގައި މަސައްކަތްކުރަން ޖެހުމާއި، މަސައްކަތުގެ އުޖޫރަ ނުދިނުމާއި، ނިސްބަތްވާ ގައުމު ނޭނގުމާއި، ބިދޭސީއަކަށްވީތީ ތަފާތުކުރުމާއި، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި ދިރިއުޅެން ޖެހުން ހިމެނޭކަމަށް ބުނެފައިވެ އެވެ.

އަދި މަސައްކަތްކުރުވާ ފަރާތްތަކުން ބިދޭސީ މަސައްކަތްތެރިންގެ ޕާސްޕޯޓާއި އެހެނިހެން ޒާތީ ލިޔެކިޔުން އަތުލުމާއި، ނޯޓިސް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރުމާއި، އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިން)ގެ މައްސަލަތަކާއި، މަސައްކަތްކުރުވާ ފަރާތުގެ އިހުމާލުން ނުރައްކާތެރި ހާލަތްތަކަށް ހުށަހެޅި ބިދޭސީ މަސައްކަތްތެރިން މަރުވެފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ މައްސަލަތަކާ އަދި ބިދޭސީ މަސައްކަތްތެރިން ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭ ކަމަށްވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން، ގާނޫނުތަކާއި ގަވާއިދުތަކުން ލިބިދީފައިވާ ހައްގުތަކާއި ރައްކާތެރިކަން ތަފާތުކުރުމެއްނެތި އެފަރާތްތަކަށް ކަށަވަރުކޮށްދީ، މިކަމާމެދު ރައްޔިތުންނާއި ބިދޭސީ މަސައްކަތްތެރިން ހޭލުންތެރިކުރުވައި، ދުޅަހެޔޮ މުޖުތަމައުއެއް ގާއިމުކުރުމަށް އެ ކޮމިޝަނުން ކުރާ މަސައްކަތުގައި ދިވެހި ދައުލަތާއި މީޑިއާތަކާއި މަދަނީ ޖަމާއަތްތަކުން މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށްވެސް އެޗްއާރްސީއެމުން ވަނީ ގޮވާލާފަ އެވެ.

ޚަބަރު ނަގާފައިވަނީ

  1. ސަމާލުވޭ ބޭރުމީހުންގެ ހައްގު ތަކޭ އެކިޔާ އެއްޗަކަށް ސަމާލު ވުމަށް ގޮވާލަން…….

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!