ފުލުހުން އާންމުންގެ ތެރެއަށް ބަޑި ޖެހިކަމަށް ތުހުމަތުކޮށްފި

މުސްލިމް ނޫން އެހެން ދީންތަކުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ލިބޭ ގޮތަށް ހެދި ގާނޫނާ ދެކޮޅަށް މިހާރު ހިނގަމުންދާ މުޒާހަރާތަކުގައި އާންމުންގެ ގަޔަށް ފުލުހުން ބަޑި ޖެހިކަމުގެ ތުހުމަތުތަކާ އެކު ނިއު ދިއްލީގެ ފުލުހުންނަށް އާ ގޮންޖެހުންތަކެއް ކުރިމަތިވެއްޖެ އެވެ.

ވެރިރަށް ނިއު ދިއްލީގައި މުޒާހަރާކުރި މީހުންގެ ތެރެއަށް ބަޑި ޖެހިކަމުގެ ވާހަކަ ފުލުހުން ދޮގުކުރެ އެވެ. އެކަމަކު މަދުވެގެން ތިން މީހަކު ބުނީ އެ މީހުން ޒަހަމްވީ ބަޑި ޖެހުމުގެ ސަބަބުން ކަމަށެވެ. ފުލުހުން ބުނާ ގޮތުގައި އެ ޒަހަމްތައް ލިބުނީ ކަރުނަ ގޭސް ކެނިސްޓާ ފުނޑުފުނޑުވެގެންނެވެ.

ނިއު ދިއްލީގެ ފުލުހުން އާންމުންނަށް އަނިޔާކުރާ ވީޑިއޯއެއް މިހާރު ވަނީ އާންމުވެފަ އެވެ. ނިއު ދިއްލީގައި ހުންނަ ޖާމިއާ މިއްލިއާ އިސްލާމީ ޔުނިވަސިޓީގެ ފިރިހެން ދަރިވަރެއްގެ ގައިގައި ދަނޑިބުރިން ތަޅަން އުޅުމުން އަންހެން ދަރިވަރުންތަކެއް އޭނާގެ ގައިމައްޗަށް ވެއްޓި، ހިމާޔަތްކުރި ގޮތުގެ ވީޑިއޯ ވައިރަލްވި އެވެ.

ނިއު ދިއްލީގެ ހޮސްޕިޓަލަކުން ބުނީ، ވަޒަން އަރައިގެން ލިބުނު ޒަހަމްތަކަކާ ގުޅިގެން އެ ތަނުގައި ދެ މީހަކު އެޑްމިޓްކުރި ކަމަށެވެ. އެކަމަކު ފުލުހުން އެ ވާހަކަ ދޮގުކުރެ އެވެ.

ބީބީސީން ބުނި ގޮތުގައި އެޑްމިޓްކުރި ތިން ވަނަ މީހެއްގެ މެޑިކަލް ރިޕޯޓް އެތަނަށް ލިބިފައިވެ އެވެ. އެމީހަކީ އޭނާ ބުނާ ގޮތުގައި މުޒާހަރާގެ ބައިވެރިއެއް ވެސް ނޫނެވެ. އެކަމަކު އޭނާގެ ގަޔަށް ވަޒަން އެރީ އެ ހިސާބުން ހިނގާފައި ދަނިކޮށް ކަމަށް ބުންޏެވެ.

ބީބީސީއަށް އޭނާ ކިޔައިދިން ގޮތުގައި ފުލުހަކު ފިސްތޯލައެއް ނުވަތަ އެފާޑުގެ އެހެން ހަތިޔާރަކުން އޭނާއަށް ހަމަލާ ދިންތަން ފެނުނެވެ.

އެކަމަކު ދިއްލީ ފުލުހުން ބުނާ ގޮތުގައި މުޒާހަރާގެ ތެރޭގައި އަސްލު އުއްޑަ ނުވަތަ ރަބަރު އުންޑަ ވެސް ބޭނުންކޮށްފައެއް ނުވާނެ އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!