އަލަށް ހުޅުވާ ރިސޯޓުތަކުން ވަޒީފާ ދޭއިރު، ކައިރި ރަށްރަށުގެ މީހުންނަށް އިސްކަން ދޭނީ

އަލަށް ހުޅުވާ ރިސޯޓުތަކުން ވަޒީފާ ދޭއިރު، އަންނަ އަހަރުން ފެށިގެން އިސްކަން ދޭނީ އެ ރިސޯޓަކާ އެންމެ ކައިރި ރަށްރަށުގެ މީހުންނަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ ބައިވެރިވުމާ އެކު، ކްރޮސް ރޯޑްސްގައި ކުރިއަށް ގެންދާ “ވިއަވަތި ރާއްޖެ” މަހާސިންތާގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އަންނަ އަހަރުން ފެށިގެން އަލަށް ހުޅުވޭ ރިސޯޓްތަކުން ވަޒީފާތަކަށް ނަގާ މުވައްޒަފުންނަކީ އެ ރިސޯޓަކާ ކައިރި ރަށްރަށު މީހުންނަށް ކަމަށް ހަދާނެ ކަމަށެވެ.

“ޓްރެއިނިން ހަދަން މާލެ އަންނަން ނުޖެހި، އެ ހުޅުވޭ ރިސޯޓެއްގެ ކައިރިން، މީހުން ދިރިއުޅޭ ރަށްތަކުގައި އަޅުގަނޑުމެން އެ ރިސޯތަކަށް ބޭނުންވާ ވަޒީފާގެ ފުރުސަތު [ހޯދައިދޭނަން]، ސަރުކާރާއި އެ ވިޔަފާރިވެރިއަކާ ގުޅިގެން ވަޒީފާގެ ފުރުސަތަށް މީހުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ހިންގުމަށް ވަނީ ނިންމާފައި،” މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ކަންކަމަށް ބޭނުންވާ ބަޖެޓު ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިތުރު ކޮށްދެއްވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ރަށްތަކާއި އެ ރަށްތަކުގެ ކައިރީގައި ހުންނަ ރިސޯޓްތައް ކުރިމަގުގައި އެއްގަލަކަށް އަރުވާނެ ކަމަށެވެ. ތިމާވެއްޓަށް ވިސްނައިގެން ކޮންމެ ރަށެއް ވެސް ބްރޭންޑް ކުރަން ޖެހޭ ކަމަށާއި ޓޫރިސްޓުން މިހާރު ބޭނުންވަނީ އެ ރަށެއްގެ ދިރިއުޅުން ތަޖުރިބާ ކުރަން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގެ 12 އަތޮޅެއްގައި 8،000 ވަޒީފާ އުފެދޭ ގޮތަށް އަލަށް ޓޫރިޒަމަށް ދޫކުރާ ރަށްތައް މާދަމާ ރޭ އިއުލާން ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!