12 އަހަރު ކުރިން ހިމަންދޫގައި ފުލުހުންނާއި ސިފައިންނާ ކުރިމަތިލާ ހިންގި ބޮޑެތި ހަމަނުޖެހުންތަކުގައި ދައުވާ ލިބުނު މީހަކު ސަލާމަތްވެއްޖެ

އއ. ހިމަންދޫ ރައްޔިތުންގެ ބަޔަކު މީގެ 12 އަހަރު ކުރިން އެރަށުގައި ފުލުހުންނާއި ސިފައިންނާ ކުރިމަތިލާ ހިންގި ބޮޑެތި ހަމަނުޖެހުންތަކުގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލި މީހަކަށް ކުށް ސާބިތު ނުވުމުން ސަލާމަތް ވެއްޖެ އެވެ.


ދައުވާ އިން ސަލާމަތްވެފައިވަނީ އއ. ހިމަންދޫ، އަސުރުމާގެ، އަހްމަދު އާދަމު އެވެ.

ހިމަންދޫގައި ވަކިން ޖަމާއަތް ހަދައިގެން އުޅުނު ބައެއްގެ އަމަލުތައް ހުއްޓުވުމަށް 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކުން އެރަށަށް ދިއުމުން އެމީހުން ވަނީ ސިފައިންގެ މީހަކު ރަހީނުކޮށް ސަލާމަތީ ބާރުތަކުގެ ބޭފުޅުންނަށް ހަމަލާދީފަ އެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ވަނީ 63 މީހަކު ހައްޔަރުކޮށްފަ އެވެ. މީގެތެރެއިން ގިނަ ބައެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލިއިރު ބައެއް މީހުންގެ މައްޗަށް ޣައިރު ގާނޫނީ އެއްވުމަކުން ބާރު ދެއްކުމުގެ ދައުވާ ވެސް އުފުލި އެވެ. މީގެތެރެއިން ބައެއް މީހުންނަށް ކުށް ސާބިތުވިއިރު އިއްޔެ ދައުވާ އިން ސަލާމަތްވި މީހާ އަކީ މިމައްސަލައިގައި އެންމެ ފަހުން ހުކުމް ކުރެވުނު މީހާ އެވެ.

ދައުލަތުގެ ދައުވާގައި ބުނެފައިވަނީ 2007 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހު ސަލާމަތީ ބާރުތަކުން ހިމަންދޫއަށް ދިއުމުން އަހްމަދު އާދަމު އެހެން ބަޔަކާ އެކު ދަގަނޑު ބުރިއާއި ކަނޑި ފަދަ ހަތިޔާރާއި ޕެޓްރޯލް ފަދަ ތަކެތި ބޭނުންކޮށްގެން ސަލާމަތީ ބާރުތަކާ ކުރިމަތިލާފައިވާ ކަމަށެވެ. ދައުވާ އަށް އިންކާރުކޮށް އޭނާ ބުނީ އެ ދުވަހު އެތަނަށް ނުދާ ކަމަށެވެ.

އަހްމަދު ދައުވާއަށް އިންކާރުކުރުމުން ދައުލަތުން ހެކީގެ ގޮތުގައި ހުށަހެޅި ހަތް ފުލުހުންގެ ތެރެއިން މީހަކު ބުނީ އޭނާއަށް އަހްމަދު އެނގެނީ ހަމައެކަނި ތަހުގީގަށް ނަގާފައިވާ ވީޑިއޯ އަކުން އެކަނި ކަމަށެވެ. އަހްމަދު ހުށަހެޅި ދިފާއީ ހެކިވެރިޔާ ބުނީ އަހްމަދު އެ ދުވަހު އިރުއޮއްސުމާ ހަމައަށް އުޅުނީ އޭނާއާ އެކު ވަޑާމުގަ އެވެ.

ހެކިންގެ ހެކިބަހަށްފަހު މިމައްސަލައިގައި ހުކުމް ކުރެއްވީ ކްރިމިނަލް ކޯޓު ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި އަލީ ރަޝީދު އެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!