ހެޔޮ އަގެއްގައި ޢާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަ އޮތޯރިޓީއެއް

ޢާންމު ބޭނުންތަކަށް ރައްޔިތުންނަށް ދެމުންދާ ހުރިހާ ޚިދުމަތެއް ހެޔޮ އަގެއްގައި ފޯރުކޮށްދީ، އަގުތައް ކޮންޓްރޯލް ކުރެވޭގޮތަށް ޤާނޫނެއް އެކުލަވާލަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސަނީފް މަޖިލީހަށް ހުށައަޅާފައިވާ ބިލުގައި ރައްޔިތުންނާއި ގުޅުންހުރި ޚިދުމަތްތައް ދިނުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮޓޯރިޓީގެ ނަމުގައި އޮތޯރިޓީއެއް އުފެއްދުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މި ބިލުގެ މަޤްޞަދަކީ ޢާންމު ބޭނުންތަކުގެ ޚިދުމަތްތައް ދިނުމާގުޅޭ ކަންކަން ތަންޒީމުކުރުމަށްޓަކައި އޮތޯރިޓީއެއް އުފައްދައި، ޢާންމު ބޭނުންތަކުގެ ޚިދުމަތްތަކާގުޅޭ ކަންކަން ރާވައި، ހިންގާނެ ގޮތުގެ ޢާންމު އުސޫލުތައް ބަޔާންކުރުމާއެކު، ޢާންމު ބޭނުންތަކުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ޤާނޫނާ ޚިލާފުވާ ފަރާތްތަކާ މެދުގައި ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާންކުރުމެވެ.

މި ޤާނޫނުގެ ދަށުން އުފައްދާ އޮތޯރިޓީގެ ޒިންމާތަކުގެ ތެރޭގައި ރާއްޖޭގައި ދިރިއުޅޭ އެންމެނަށް ފޯރުކޮށްދޭ ޢާންމު ޚިދުމަތްތަކަކީ އެކަށީގެންވާ ހެޔޮ އަގެއްގައި، އިތުބާރު ހިފޭގޮތަށް އަދި ދެމެހެއްޓެނެވި ގޮތެއްގެމަތިން، ފޯރުކޮށްދެވޭ ޚިދުމަތެއްކަމުގައި ހަދަންޖެހެއެވެ. އަދި އެ ޚިދުމަތްތަކަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭ އަދި ކާމިޔާބުކަމާއެކު ރަނގަޅު ފެންވަރުގައި ދެވޭ ޚިދުމަތްތަކަކަށް ހެދުމަކީވެސް އެ އޮތޯރިޓިގެ ޒިންމާތަކުގެ ތެރެއިން އެ އޮތޯރިޓީއަށް ލާޒިމްކޮށްފައިވާ ކަންކަމެވެ. އަދި އެ ޚިދުމްތަކުގެ އަގުތަކަކީ އިންޞާފުވެރި އަގުތަކެއްކަމުގައިވުމާއި، އެކަށީގެންނުވާ ގޮތެއްގައި ތަފާތުކުރެވިފައިވާ އަގުތަކެއްކަމުގައި ވެގެން ނުވާނެކަމަށްވެސް ބުނެފައިވެއެވެ. އަދި އޮތޯރިޓީން އަންގާ އެންގުމެއްގެ ދަށުން ނުވަތަ ލައިސަންސް ދޫކުރުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމަނައިގެން، ލައިސަންސް ލިބިފައިވާ ފަރާތުގެ އަގުތަކަށް ބަދަލުގެނެވޭނީ ވަކި ފޯމިއުލާއަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އޮތޯރިޓީން އެންގިދާނެކަމަށްވެސް ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!