ޔާމީން ރަޝީދުގެ މަރުގެ ޝަރީއަތް:ޝާބިތު ކުރެވޭ ވަރަށް، ހެކި ހުށަހަޅާފައިނުވާތީ ދިފާއީ ބައެއް ހެކިންގެ ނަންތައް އަނބުރާ ގެންގޮސްފި

ބްލޮގަރ ޔާމީން ރަޝީދަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ އިސްމާޢިލް ރަޝީދުގެ މައްޗަށް ޝާބިތު ކުރެވޭ ވަރަށް، ދަޢުލަތުން ހެކި ހުށަހަޅާފައިނުވާތީ، ދިފާޢުން ހުށަހަޅާފައިވާ، 7 މީހުންގެ ނަންތައް އަނބުރާ ގެންގޮސްފިއެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމަކީ، އިސްމާޢިލް ރަޝީދުގެ ފަރާތުން ހުށަހަޅާފައިވާ ދިފާޢީ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް މިއަދުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްމާޢިލް ރަޝީދުގެ ދިފާޢީ ވަކީލް، މަޢުމޫނު ޙަމީދު ވިދާޅުވީ، މި މައްސަލަ އިސްމާޢިލް ރަޝީދުގެ މައްޗަށް ޝާބިތު ކުރެވޭ ވަރަށް، ދަޢުލަތުން ހެކި ހުށަހަޅާފައިނުވާތީ، ދިފާޢުން ހުށަހަޅާފައިވާ، 7 ހެއްކެއް ހާޒިރުކުރުމަށް ބޭނުން ނުވާ ކަމަށެވެ.

މި މައްސަލާގައި އިސްމާއިލް ރަޝީދުގެ ދިފާއީގައި ޖުމްލަ 11 ހެކިން ހުށައަޅާފައިވއެވެ. އޭގެތެރެއިން މިއަދު ހެކިބަސް ނަގަން އޮތް 7 މީހުންގެ ނަން އަނބުރާ ގެންދިޔަނަމަވެސް ދެން ތިބި 4 މީހުންގެ ހެކިބަސް ނަގަން ބޭނުންވާކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ. އަދި އެ ހަތަރު މީހުން ކޯޓަށް ހާޒިރުކުރުމަސް އަމުރެއް ނެރެދިނުމަށްވެސް މަައުމޫން ހަމީދު ވަނީ އެދިވަޑައިގެންފައެވެ.

މައުމޫންގެ ހަމީދުގެ ވާހަކަތަކަށް ޖަވާބުދެއްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ އެ ހަތަރު މީހުންގެ ތެރެއިން ފުރިހަމަ ނަމާ އެޑްރެސް އޮތީ އެންމެ މީހެއްގެ ކަމަށެވެ. އެއީ ޔާމިން ރަޝީދަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ ޒާހިދު ރަމީޒްގެ ނަމެވެ. އެހެންކަމުން އޭނާ ކޯޓަށްހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމަރު ނެރެދޭން ގާޒީ ވަނީ ނިންމަވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!