މާލެއިން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރ

ބްރިޖާއި ކޯޒްވޭތައް ހިމެނޭހެން މާލެއިން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ ދިގުމިން 6.7 ކިލޯ މީޓަރަށް އަރާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ ބްރިޖްގެ ކުރެހުންތަކަށް ޚިޔާލުހޯދުމަށް ކޮންސަލްޓެންސީ މަސައްކަތް ކުރަމުންދާ ބޭރުގެ ކުންފުންޏާއި، ކަމާގުޅޭ ރާއްޖޭގެ މުޢައްސަސާތަކާއެކު މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

މިނިސްޓަރ ވިދާޅުވީ ބްރިޖްގެ ކުރެހުންތައް ފައިނަލްވާއިރު ގެންނަން ބޭނުންވާ ބަދަލުތައް ޙިއްސާކުރައްވާނެކަމަށެވެ. މި ބައްދަލުވުމުގައިވަނީ ބްރިޖް ދާނެ މަގާއި، ސްޓްރަކްޗަރއާއި، ހުންނާނެ ލޭނުގެ އަދަދާއި ގުޅޭގޮތުން ޚިޔާލު ހުށައަޅާފައެވެ.

“ބްރިޖާއި، ބްރިޖް ގުޅޭ މަގުތަކާއިއެކު ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރ. ފުޅާމިން ކަނޑައެޅުމުގެ މަސައްކަތް މިކުރަނީ. ޔަގީނުންވެސް މަދުވެގެން ފަޅިއަކު 2 ލޭން ހުންނާނެ. މަސައްކަތް ކުރަނީ އަންނަ ޖޫންގައި ބްރިޖްގެ މަސައްކަތް ޓެންޑަރ ކުރުމަށް. އެހާއިރަށް ހުންނާނީ ޑީޓެއިލް ޑިޒައިންތައް ނިމިފައި.” މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ގުޅީފަޅު ބްރިޖާއި ގުޅުވާލާނީ ގުޅީފަޅުން ހިއްކާ ބިމުގައި ހަދާ މަގަކުންކަން ނިންމާފައިވާކަމަށެވެ.

ބްރިޖު މަޝްރޫއު އަންނަ އަހަރު ފަށަން ތައްޔާރުވަމުން އަންނައިރު މި މަސައްކަތް 2023 ވަނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

މި ބްރިޖަށް އަބޫދާބީ ފަންޑުން، ލޯނުގެ ގޮތުގައި އަންނަ އަހަރުގެ ތެރޭގައި 305.40 މިލިއަން ރުފިޔާ ލިބޭނެ އެވެ. މި މަޝްރޫއުއަށް 488 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!