ގއ. ދާންދޫ އަށް ރޭ ފަތިހު ބޯކޮށް ވާރޭ ވެހި، 30 އަށް ވުރެ ގިނަ ގެޔަށް ފެން ވަދެ ގެއްލުންވެއްޖެ އެވެ.
ދާންދޫ ކައުންސިލް މެމްބަރު ޝަމްހީދު އިބްރާހިމް ވިދާޅުވީ، ފަތިހު 4:30 އިން ފެށިގެން ހެނދުނު 7:00 އާ ހަމައަށް މެދުނުކެނޑި ބޯކޮށް ވާރޭ ވެހުނު ކަމަށެވެ. ވާރޭ ވެހުމުން މީގެ ކުރިން ވެސް ފެންބޮޑުވާ ކަމަށާއި އެކަމަކު އާދަޔާ ހިލާފަށް ބޯކޮށް ވާރޭ ވެހުމުން، ކުރިން ފެންބޮޑުވާ ވަރަށް ވުރެ ބޮޑަށް ފެން ހެދުނު ކަމަށް ޝަމްހީދު ވިދާޅުވި އެވެ.
“ކަރަންޓު ސާމާނަށާއި ގޭގައި ގެންގުޅޭ ތަކެއްޗަށް ގެއްލުންވި،” ޝަމްހީދު ވިދާޅުވި އެވެ.
ވާރޭ ވެހުމުން އާންމުކޮށް ފެން ވަންނަނީ އެ ރަށުގައި ދެތިން ގެއަކަށް ކަމަށް ޝަމްހީދު ވިދާޅުވި އެވެ. ނަމަވެސް މިއަދު ތިން ސަރަހައްދެއްގައި ދެ ފޫޓަށް ފެން ބޮޑުވި ކަމަށް އޭނާ ވިދާޅުވި އެވެ.
ފެންބޮޑުވުމުގެ ހާދިސާގައި މީހަކަށް ކަމެއް ނުވެ އެވެ.
ޝަމްހީދު ވިދާޅުވީ ދާންދޫގައި ތިބޭ ފުލުހުންނާއި އެ އަތޮޅު ވިލިނގިލި ފުލުހުންނާއި ރަށު ރައްޔިތުން ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.