ދަނޑުވެރިކަމުން އުފައްދާ ތަކެތި މާކެޓް ކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުން ކުންފުންޏެއް އުފައްދަނީ

ދަނޑުވެރިކަމުން އުފައްދާ ތަކެތި މާކެޓް ކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުން ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފިޝަރީޒް މިނިސްޓްރީން ދަނޑުވެރިކަމުގެ ސިނާއަތަށް ކުރަމުންދާ މަސައްކަތްތައް ހިއްސާ ކުރުމުގެ ގޮތުން ބޭއްވި “ނުވަގަޑި ސައި” ޕްރޮގްރާމްގައި މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އަންނަ އަހަރު ކުރަން ރާވާފައި ހުރި ކަންކަމުގެ ތެރެއިން އެއް ކަމަކީ “މޯލްޑިވްސް ނޭޝަނަލް އެގްރިކަލްޗާ ކޯޕަރޭޝަން” ގެ ނަމުގައި ކުންފުންޏެއްގެ އުފެއްދުމެވެ.

ފިޝަރީޒް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ފައިސަލް ވިދާޅުވީ އެ ކުންފުނި އޮނިގަނޑު އޮންނާނެ ގޮތުގެ ކަރުދާސް އެކުލަވާލައި އިކޮނޮމިކް މިނިސްޓްރީއާ ހިއްސާ ކުރެވިފައިވާ ކަމަށެވެ. އެ ގޮތުން އެންމެ ފަހުން އިކޮނޮމިކް މިނިސްޓްރީއާއެކު ކުރި މަޝްވަރާތަކުގެ ތެރޭގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު އެ ކުންފުނި އުފައްދައި ނިމޭނެ ކަމަށް ބެލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުންޏަކީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްތޯ ސުވާލު ކުރުމުން ފައިސަލް ވިދާޅުވީ ކުންފުނީގެ ހިއްސާތައް އަމިއްލަ ފަރާތްތަކަށް ނުވަތަ އާންމު ރައްޔިތުންނަށް ދޫކޮށްލާނެތޯ ނުވަތަ ނޫންތޯ އަދި ނުނިންމާ ކަމަށެވެ. ވިދާޅުވީ އިކޮނޮމިކް މިނިސްޓްރީއާއެކު ބޭއްވޭ ބައްދަލުވުންތަކުގައި ކުންފުނީގެ އޮނިގަނޑާ މެދު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ

“ދަނޑުވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ކިތަންމެ ގިނައިން އުފެއްދި ނަމަވެސް އެ ތަކެތި މާރުކޭޓު ނުކުރެވުން. އަނެއް ޝަކުވާ އަކީ ދަނޑުވެރިކަމަށް ބޭނުންވާ ގަސް ކާނާ ވަރަށް އަގު ބޮޑުކޮށް އެ މީހުންއާ ހަމައަށް ލިބިގެން ދިއުން. މި ދެ ކަންތައްތަކަށް އެޑްރެސް ކުރެވޭނެ ކަމަށް އަޅުގަނޑުމެން މި ބަލަނީ ކޯޕަރޭޝަން އުފެއްދިގެން އައިމަ.” ފައިސަލް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!