ފޮޓޯ؛ ގޫގުލް

މުއިއްޒުގެ މައްސަލަ ފުލުހުން ބަލަން ފަށައިފި

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް ފުލުހުންގެ ކިބައިގައި ބަންޑާރަ ނައިބު އެދިވަޑައިގެންފައިވާތީ އެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުންގެ ތަރުޖަމާން މިއަދު ވިދާޅުވީ އޭޖީ އޮފީހުން ފުލުހުންނަށް ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ ޑރ. މުއިއްޒު އާއި ގުޅޭގޮތުން އޭޖީން ފާހަގަކުރި މައްސަލައެވެ.

މިމަހުގެ ނުވަވަނަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ނޫމަޑިގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުއިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ ވަނީ އެ މައްސަލާގައި ދައުލަތް ދިފާއު ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ ޑިސެންބަރު 11، 2017 ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ނެގޭނެ ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން މުއިއްޒުގެ ބައިވެރިވުމާއެކުގަ ކަމަށެވެ.

މިނިސްޓަރުގެ މަގާމުން ވަކިވެވަޑައިގަންނަވަންދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން މުއިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތް ކަމަށް ބަޔާނުގައިވެ އެވެ. ނަމަވެސް 17 ނޮވެންބަރު 2018 ގައި މިނިސްޓަރު ކަމުގެ މަގާމުން ވަކިވެވަޑައިގަތުމަފަހު 14 ޖޫން 2019 ގައި ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުއިއްޒު ދެއްވި ބަޔާނުގައި ކުރިން އަމަލުކުރެއްވި ގޮތާ ދިމާ އިދިކޮޅަށް، ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާ ކަމަށް ބަޔާނުގައި ބުންޏެވެ.

އެގޮތުން ނޫމަޑި ފޭސް އެކެއްގެ އެއްބަސްވުން ބާތިލުކޮށްފައިވަނީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަނަށް ބަޔާން ދެއްވުމަށްފަހު، އަލުން ބަޔާން ބަދަލު ކުރައްވާފައިވާކަން ފާހަގަކުރެވޭ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

އެ އޮފީހުގެ ބަޔާނުގައި ބުނީ ނޫމަޑީގެ އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ސަރުކާރުގެ ފަރާތުން ނިންމުމުގައި އެންމެ އިސް ދައުރެއް އަދާކުރެެއްވި، އެ ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ވުޒާރާގެ އޭރުގެ ވަޒީރު ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ބަޔާން ދެއްވުން ވެގެންދިޔައީ، އާބިޓްރޭޝަނުގައި ހިނގަމުންދިޔަ މައްސަލަތައް ދިފާއު ކުރުމަށް ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

ނޫމަޑި މައްސަލާގައި މުއިއްޒު ޢަމަލު ކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިއާޔަތްކޮށް، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މައުލޫމާތެއްގެ ނަހަމަ ބޭނުންކޮށްފައިވާ ކަމާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ ކަން ނުވަތަ ނޫން ކަން ތަހުގީގުކޮށް ދެއްވުމަށް ފުލުހުންގެ ކިބައިން މިހާރު އެދިފައިވާނެ ކަމަށް ބަޔާނުގައިވެ އެވެ.

މި މައްސަލައާ ގުޅިގެން މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ވެސް ކޮށްފައިވެ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!