ޖީއެމްއައިޒެޑްއެލްގެ އެމްޑީ އިބޫ (ކ)ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ އަރިހުގައި -- ފޮޓޯ: ރައީސް އޮފީސް

އިބޫ އަށް ފިޔަވަޅު ނާޅަނީ އެއްވެސް ޝަކުވާއެއް ނުލިބޭތީ: ހޫދު

ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާ މެދުގައި ފިޔަވަޅު ނާޅައި އޮތީ މިހާތަނަށް އައި އިރު، އޭނާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ރައީސް އޮފީހަށް ލިބިފައި ނުވާތީ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރުމުގެ ތުހުމަތު ކުރެވިފައިވާ އިބޫއާ މެދުގައި އެއްވެސް ފިޔަވަޅެއް ނާޅައި، ހަމަ އެފަދަ ތުހުމަތެއްގައި މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސެޕްންޑްކޮށްފައި ހުންނަ މައްސަލައިގައި ސަރުކާރަށް ވަނީ ފާޑު ކިއުން އަމާޒުވެފަ އެވެ. ރައީސް އޮފީހުން ޝަޒައިލް ސަސްޕެންޑްކޮށްފައި ހުންނަތާ މިހާރު ގާތްގަނޑަކަށް ދެ މަސްވީ އެވެ.

ތިލަފުށީ ފަޅުގައި އޮތް ބޯޓެއް ނަގަން ޕާކަވަން ކުންފުންޏާއި އިބޫ ހަވާލުކޮށްފައިވަނީ ދައުލަތަށް ގެއްލުވާން ގޮތަށް ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީން ބެލުމަށްފަހު، އިބޫއާ ދެކޮޅަށް ފިޔަވަޅު އަޅައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އާއި ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ކޮމިޓީން ނިންމާފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އާންމު އުސޫލުން އެއްވެސް މީހަކާ މެދުގައި ފިޔަވަޅު އަޅަނީ އެ މީހެއްގެ ޝަކުވާ ރައީސް އޮފީހަށް ލިބުމުން ކަމަށެވެ. އަދި އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން އެ ޝަކުވާއެއް ބަލާނެ ކަމަށް ހޫދު ވިދާޅުވި އެވެ. އެކަމަކު، އިބޫގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ޝަކުވާއެއް ލިބިފައިނުވާ ކަމަށް ހޫދު ވިދާޅުވި އެވެ.

ޝަޒައިލްއަށް ފިޔަވަޅު އެޅުމަށްފަހު އިބޫއަށް ފިޔަވަޅު އެޅުން ލަސްވެފައިވަނީ ކީއްވެގެންތޯ ސުވާލުކުރުމުން ހޫދު ވިދާޅުވީ ޝަޒައިލްއަށް ފިޔަވަޅު އެޅީ އޭނާގެ މައްސަލައެއް ބަލަމުން އަންނަކަން، އެކަމާއި ގުޅޭ މުއައްސަސާއަކުން ރައީސް އޮފީހަށް އެންގުމާ ގުޅިގެން ކަަމަށެވެ. އިބޫ އަކި ވަކި ބޭފުޅަކަށް ވެގެން އޭނާއާ މެދު ވަކި ތަފާތު ކުުރުމެއް ނުގެންގުޅޭނެ ކަމަށްވެސް ހޫދު ވަނީ ވިދާޅުވެފަ އެވެ.

އިބޫގެ މައްސަލައެއް އެސްއޯއީ ކުންފުނިން ބަލާފައިވަނީ ތިލަފުށީ ފަޅުގައި އޮތް ބޯޓެއް ނައްތާލުމަށް ޕާކަވަން ކުންފުންޏާ ހަވާލުކޮށްފައިވަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އެވެ. ބޯޓް ނައްތާލުމަށް ޕާކަވަން ކުންފުންޏާއި، އިބޫ ހަވާލުކޮށްފައިވަނީ އެކަންކުރަން ފިނޭންސް މިނިސްޓްރީން ހުއްދަދީފައި ނުވަނީސް ކަމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އަދި މިކަމަކީ އިބޫ ގަވާއިދާއި ޚިލާފަށް ކުރި ކަމެއް ކަމަށް ފާސްކޮށް، ކޮމިޓީން ނިންމާފައިވަނީ މި މައްސަލައިގައި އިބޫއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ފިނޭންސް މިނިސްޓްރީ އަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އެންގުމަށެވެ.

އިބޫއާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތައް އޭސީސިން ވެސް ގެންދަނީ ބަލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!