ބްރޮޑްކޮމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވަނީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު 16 ޑިސެންބަރު 2019 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.

ބްރޯޑްކޮމްގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލީ، އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފާތިމަތު ޒައިނާ ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިދިޔަ އޮކްޓޯބަރު މަހު ފާސްކުރުމުންނެވެ.

އެ މަގާމަށް ކުރިމަތިލާން މީގެ ކުރިން ރައީސް އޮފީހުން ހުޅުވާލުމުން ތިން ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެކަމަކު، އެއްވެސް ނަމެއް ތަޅުމަށް ނުފޮނުވައި ކޮމިޓީން ނިންމީ އެ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށް އަލުން ފުރުސަތު ހުޅުވާލަން ފެންނަ ކަމަށެވެ.

މީގެ ކުރިން ބްރޯޑްކޮމް އިން ހުސްވި މަގާމަށް ތިން ބޭފުޅަކު ވަނީ ހަމަޖައްސަވައިފަ އެވެ. އެއީ ކޮމިޝަންގެ ރައީސަކަށް މިހާރު ހުންނެވި މަރިޔަމް ވަހީދާ އާއި ނައިބު ރައީސަކަށް ހުންނެވި އަހުމަދު ގައިސްގެ އިތުރުން ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފެވެ.

އެ ތިން ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފައި ވަނީ ޑިސެމްބަރު ތިންވަނަ ދުވަހު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!