ގާސިމްގެ މަރަށް ތިން ދުވަސް، އަދި މީހަކު ހައްޔަރެއް ނުކުރޭ

ޓެކްސީ ޑުރައިވަރެއް ކަމަށްވާ ގާސިމް ހަސަން މަރާލި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ހުޅުމާލޭގައި މަރާލާފައި އޮއްވައި ފެނުނު ގާސިމް، 59، ގެ މަރާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް މި ވަގުތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.

ގާސިމް މަރާ ގުޅޭ ގޮތުން އެއްވެސް ތަފްސީލެއް ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެ އެވެ. އޭނާގެ އެކުވެރި ބައެއް ޑްރައިވަރުން ގަބޫލު ކުރާގޮތުގައި ގާސިމް މަރާލާފައިވަނީ ފޭރުމަށް ފަހުގަ އެވެ.

ގާސިމްގެ ބައެއް ރަހްމަތެރިން ބުނީ އޭނާއަށް އެފަދަ އަނިޔާއެއް ދޭންޖެހޭ ސަބަބެއް ނޭންގޭ ކަމަށެވެ. މަޑުމައިތިރި މީހުންނާ ގުޅޭ ގާސިމްއަކީ މީގެ 20 އަހަރު ކުރިން ފެށިގެން ޓެކްސީ ކުރަމުންދާ މީހެކެވެ. ގާސިމް މަރާލި ދުވަހުގެ ކުރީ ދުވަހުގެ ހަވީރު މާލޭގައި ގާސިމް ދުއްވާ ޓެކްސީއާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އަދި އެވަގުތު ސައިކަލްގައި ތިބި މީހުން ގާސިމަށް އިންޒާރު ދީފައިވާ ކަމަށްވެސް އަޑު ފެތުރިފައިވެއެވެ.

އެކަމާ ގުޅޭގޮތުންވެސް ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!