ސީލައިފް އިން ބަދަލު ހޯދަން ފަހު ފުރުސަތު ދީފި

ސީލައިފް ގްލޯބަލް އިން ހުޅުމާލޭގައި ހަދާ ހައުސިން ޔުނިޓުތައް ގަންނަން ފައިސާ ދެއްކި ފަރާތްތަކަށް ބަދަލު ހޯދަން ހުށަހަޅަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަހު ފުރުސަތު މިއަދު ދީފި އެވެ.

އެޗްޑީސީ އިން ނެރުނު ބަޔާނުގައި ބުނެފައި މި ފަހަރު ހުށަނާޅައިފި ނަމަ، ބަދަލު ނުލިބޭނެ ކަމަށެވެ.

މިދިޔަ ސަރުކާރުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމުުގެ މަޝްރޫއު ސީލައިފް އަށް ހަވާލުކުރުމުން، ގިނަ ބަޔަކު އެ ފްލެޓްތައް ގަންނަން ފައިސާ ދެއްކި އެވެ. އެހެން ނަމަވެސް ފްލެޓްތަކުގެ މަސައްކަތް ނުކުރުމުން، ފައިސާ ދެއްކި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ސީލައިފްއާ ދެކޮޅަށް ދައުވާ ކޮށްފަ އެވެ. އޭގެ ތެރެއިން 203 ފަރާތަކާ އެކު ސަރުކާރާއި އެޗްޑީސީން ވީ ސެޓްލްމެންޓް އެގްރީމެންޓާ އެއްގޮތަށް އެ މީހުންނަށް ފައިސާ ދޭން އެޗްޑީސީ އިން ނިންމި އެވެ. އަދި ދައުވާ ނުކުރާ ފަރާތްތަކަށް ވެސް ބަދަލު ދޭން ނިންމައި، އެކަމަށް ހުށަހަޅަން މިދިޔަ ސެޕްޓެމްބަރު މަހު އެޗްޑީސީ އިން ހުޅުވާލި އެވެ.

އެ ކުންފުނިިން ބުނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ބަދަލު ހޯދަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި ބަދަލު ހޯދަން ހުށަހަޅާ އިރު ސީލައިފް އިން ފްލެޓް ގަންނަން ވީ އެއްބަސްވުމާއި، ފްލެޓް ގަންނަން ފައިސާ ދެއްކި ލިޔުމާއި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށް ބުންޏެވެ.

“މި މުއްދަތަކީ ލިޔެކިޔުންތައް ހުށައަޅަންދެވޭ އެންމެ ފަހު ފުރުސަތުކަމުން، މި މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހުށަނާޅާ ފަރާތްތަކަށް އިތުރު ފުރުސަތެއް ދެވެން ނޯންނާނެ ކަމުގައި ދެންނެވީމެވެ.” އެޗްޑީސީގެ ބަޔާނުގައިވެއެވެ.

ސީލައިފުން އެޕާޓްމަންޓް އަޅަން އިއުލާނުކުރި މަޝްރޫއާއެކު އެޕާޓްމަންޓުތައް ގަތުމަށް 280 މީހަކު، ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާއަށްވުރެ ގިނައިން ސީލައިފަށް ފައިސާ ދައްކާފަ އެވެ. އެ މީހުން ސީލައިފްއިން ފްލެޓު ގަނެ، ފައިސާ ދެއްކިފަހުން އެ ކުންފުނިން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށް ނިންމާފަ އެވެ. އެހެންކަމުން ފްލެޓަށް ފައިސާ ދެއްކި ގިނަ ފަރާތްތަކުން ވަނީ ސީލައިފްއާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާފަ އެވެ. ނަމަވެސް ކޯޓުން ބޭރުން މައްސަލަ ނިމުނީ، އެޗްޑީސީއިން އެ ފަރާތްތަކަށް ބަދަލު ދިނުމަށެވެ.

ފްލެޓް ގަތުމަށް ފައިސާ ދެއްކި މީހުން ސީލައިފްއާ ދެކޮލަށް ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ އެޗްޑީސީ ވެސް ހިމެނޭ ގޮތަށްވުމުން، އެޗްޑީސީން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ސީލައިފުން ފްލެޓް ގަތް ފަރާތްތަކަށް ބަދަލު ދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދެއްކި ފައިސާ އާއި އެއްވަރުގެ އަދަދެއް އެޗްޑީސީއިން ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް ވަނީ އެއްބަސްވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!