ފޮޓޯ: ގޫގުލް

ޖޫސް ޕެކެޓަކަށް ބަނގުރާ އަޅައިގެން 21000 ރުފިޔާއިން ޖޫރިމަނާ

ޝައްކު ކުރެވޭ ގޮތަކަށް އުޅުނު ދެ މީހަކު ބަލައި ފާސްކުރި އިރު އެތަނުން އެކެއްގެ އަތުން ފެނުނު ޖޫސް ޕެކެޓެއްގައި ބަނގުރާ ހުރިކަން ސާބިތުވެ 21،600ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ތިން މަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއްގެ ބަދަލުގައި ޖޫރިމަނާގެ ހުކުމް އިއްވީ ތ. ދިޔަމިގިލީ މަޑުފެހިވިލާގޭ އިސްމާއިލް ނިހާނަށެވެ. އޭނާގެ އިތުރުން ތ. މަޑިފުށީ މަޑުފެހިވިލާގޭ އިސްމާއިލް ނިހާންގެ މައްޗަށް ވެސް މި ދައުވާ ރައްދުވި އެވެ.

މިިދިޔަ މަހުގެ 21 ވަނަ ދުވަހު ކުރި ހުކުމުގައި ބުނާގޮތުން، އިންޑަސްޓްރިއަލް ޒޯން ތެރޭގައި މި ދެ މީހުންގެ އަމަލުތައް ހުރިގޮތުން، ގާނޫނާ ހިލާފު އެއްޗެއް ގެންގުޅޭ ކަމަށް ޝައްކުވެގެން އޮގަސްޓް، 15، 2018 ވަނަ ދުވަހުގެ ރޭ 9:20 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސްކުރިއިރު ދެ މީހުންގެ އަތުން ފެނުނީ “ދަ ބެރީ ކޮމްޕެނީ”ގެ ޖޫސްޕެކެޓެކެވެ. އެ ޖޫސް ޕެކެޓަށް ބަނގުރާ އަޅާފައި ހުރިކަން ތަހުލީލުތަކުން އެނގޭ ކަމަށް މައްސަލައިގެ ހުލާސާ ރިޕޯޓްގައިވެ އެވެ.

ޖޫސް ޕެކެޓް ފެނުނު މައްސަލާގައި ވައްކަމުގެ ދައުވާއެއް ނުކުރެ އެވެ. ކޮށްފައިވަނީ ކުށް ކުރުމުގެ އާލާތެއް އަތުގައި ބެހެއްޓުުމުގެ ދައުވާ އެވެ. އެއީ ޖޫސް ޕެކެޓަށް ރާ އަޅާފައި ހުރުމުންނެވެ.

ގާނޫނުލް އުގޫބާތުގައި ބުނާ ގޮތުން ކުށް ކުރުމުގެ އާލާތެއް ކަމަށް ބަލާނީ ކުށެއް ކުރުމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ނުވަތަ އެ މަގްސަދަށްޓަކައި ހާއްސަކޮށް ބަދަލުކޮށްފައިވާ ކޮންމެ އެއްޗަކަށެވެ. އަދި އާންމު ގޮތެއްގައި ކުށް ކުރުމުގެ ބޭނުމުގައި ގެންގުޅޭ އެއްޗިއްސާއި ކުށުގެ ނިޔަތް ފުރިހަމަ އަށް ހާމަކޮށްދޭ ފަދަ ހާލަތެއްގައި ގެންގުޅޭ ކޮންމެ އެއްޗަކީ ވެސް ކުށް ކުރުމުގެ އާލާތެއް ކަމުގައި ބެލެވޭނެ އެވެ.

މައްސަލައިގައި ކުރި ދައުވާގެ ޝަރީއަތުގައި ނިހާން ކުށްވެރިވާ ކަމަށް ކަނޑައެޅީ އިއުތިރާފަށް ބިނާކޮށެވެ. އަދި، ތިން މަހާއި 18 މަހާ ދޭތެރޭގެ ޖަލު ހުކުމް ޖޫރިމަނާ އަށް ބަދަލުކުރީ އެވެ. އަދި ޖޫރިމަނާ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކަން، ގާޒީ އަލީ އާދަމް ކުރެއްވި ހުކުމުގައި ވެ އެވެ.

މި މައްސަލާގައި ހިމެނޭ އަނެއް މީހާ އަކީ ކެނެބިސް ބޭނުންކުރުމުގެ މައްސަލައެއްގައި ޑްރަގް ކޯޓުން ރިހެބިލިޓޭޝަން އަމުރު ނެރެފައިވާ މީހަކަށް ވާތީ އޭނާ އަށް ވަކި ދައުވާއެއް ކުރަން ބޭނުންވެގެން އޭނާގެ ބައި އަނބުރާ ފޮނުވައި ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިފައިވާތީ ކޯޓުން ވަނީ އެގޮތަށް ނިންމައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!