ހުޅުވާލައިގެން މައްސަލަ ބަލަން ފަނޑިޔާރު އާދަމް މުހައްމަދު އެދިވަޑައިގެންފި

ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލާ މައްސަލަ ހުޅުވާލައިގެން ކުރިއަށް ގެންގޮސް ދިނުމަށް އޭނާ އެދިވަޑައިގެންފި އެވެ.

އެނގިފައިވާ ގޮތުގައި ފަނޑިޔާރު އާދަމް މުހައްމަދު އެގޮތަށް އެދިވަޑައިގަތީ ޖޭއެސްސީ އަށް މިދިޔަ ހަފުތާގައި ފޮނުއްވި ސިޓީއަކުންނެވެ.

އެ ކޮމިޝަނުން މީގެ ކުރިން ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު، އަބްދުﷲ ދީދީގެ މައްޗަށް ހުށަހެޅި ސުލޫކީ މައްސަލަ ވެސް ހުޅުވާލައިގެން ކުރިއަށް ގެންގޮސްފަ އެވެ. އެ ތަހުގީގަށް ފަހު ނިންމީ އޭނާ މަގާމުން ވަކިކުރުމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދު ހިމެނިވަޑައިގަންނަވާ ގޮތަށް ޖޭއެސްސީން ބަލަމުން އަންނަނީ، ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަމަށް ބުނާ މައްސަތަކެކެވެ. އެކަމަކު ތަފްސީލެއް ޖޭއެސްސީން އަދި ހާމައެއް ނުކުރެ އެވެ.

ޖޭއެސްސީ އަށް ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މިހާރު ވަނީ ހާޒިރުކޮށްފަ އެވެ.

ސުޕްރީމް ކޯޓުން، އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ މައްސަލަތަކާ ގުޅޭ ކަންކަން ބެލުމަށް ޚާއްސަ ކޮމިޓީއެއް ޖޭއެސްސީން ކުރިން އޮތީ އެކުލަވާލައިފަ އެވެ. އަދި އެ ކޮމިޓީން އޮތީ ސުޕްރީމް ކޯޓުން ގާނޫނުއަސާސީއާ ޚިލާފަށް ނިންމި ނިންމުންތަކާ ބެހޭގޮތުން ރިޕޯޓެއް ވެސް ތައްޔާރުކޮށްފަ އެވެ.

ފަނޑިޔާރުންގެ މައްސަލަތައް ބަލަން ނިންމުމުގައި، ޝަރުއީ ދާއިރާއާ ބެހޭ ގޮތުން ސައުތު އެފްރިކާގެ ކުރީގެ ފަނޑިޔާރެއް ކަމަށްވާ ޔޮހާން ކްރިގްލާ ދާދި ފަހުން ތައްޔާރުކުރި ރިޕޯޓުގައިވާ ކަންކަމަށް ވެސް ރިއާޔަތްކުރި ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމުން އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ. އެ ބަޔާނުގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށުމަކީ ފަނޑިޔާރުންނަށް ބިރު ދައްކައިގެން ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ފަނޑިޔާރުން ހިނގައިދާނެ ކަމެއް ކަމަށެވެ.

އެކަން ހުއްޓުވައި ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދައުލަތުގެ މުއައްސަސާތަކަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ގޮވާލައްވައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!