ޒިޔާދާގެ މަރުގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ފަށައިފި

ޖިންސީ އަނިޔާތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި، ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ އިބްރާހީމް ޝާހުގެ މައްޗަށް އުފުލި ދައުވާތަކުގެ އިސްތިއުނާފް އަޑުއެހުން ހައިކޯޓުގައި މިއަދު ފަށައިފިއެވެ.

ޝާޙުގެ މައްޗަށް ދަޢުލަތުން އެންމެ ފުރަތަމަ ކުރީ ތިން ދަޢުވާ އެކެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ ފަރުވާކުޑަ އަމަލެއް ކުރުމުގެ ދަޢުވާ އާއި މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ދަޢުވާއެވެ. މި ދަޢުވާތައް ކުރި ފަހުން އޭނާގެ މައްޗަށް ދަޢުލަތުން ވަނީ އޮރިޔާން ކާޑު ގެންގުޅުމުގެ ދަޢުވާއެވެ. ޝާހުގެ ޝަރީޢަތްތައް ފަށާފައި ވަނީ 2016ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް މި ހަތަރު ދައުވާ ވެސް ސާބިތުނުވާ ކަމަށް މިއަހަރުގެ މާޗު މަހު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މި ދައުވާތައް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

އޭނާގެ މައްޗަށް އުފުލި ހުރިހާ ދައުވާތަކެއްގެ ޝަރީޢަތްތަކެއް ވެސް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އެ ޝަރީޢަތްތައް ސިއްރުކޮށްފައިވަނީ ބަދު އަޚްލާޤީ މައްސަލަތަކުގެ ޝަރީޢަތް ސިއްރު ކުރުމަށް ކޯޓަށް ލިބިފައިވާ ބާރުގެ ދަށުންނެވެ.

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ވެސް ސިއްރުކޮށްގެން ކުރިއަށް ގެންދިޔުމަށް ހައިކޯޓުގައި އެދިފައިވާކަން ހާމަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!