މިދިޔަ ހަފްތާގެތެރޭ 850 އަށްވުރެ ގިނަ ސްޓިކާ

މާލޭގައި ގަވައިދާ ހިލާފަށް ޕާކް ކޮށްގެން ފުލުހުން ސްޓިކާޖެހި އަދަދު މިދިޔަ ހަފުތާގެ ތެރޭ 850 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގައި ޖުމްލަ 852 ސްޓިކާ ޖަހާފައިވާއިރު، 130 އުޅަނދެއް ޓޯކޮށްފައި ވެއެވެ.

މިއަދު އާންމުކުރި އޮކްޓޯބަރު 12 އިން 18 ގެ ހިސާބުތައް ދައްކާ ގޮތުން މާލޭގައި 44 އެކްސިޑެންޓެއް ހިނގާފައިވާއިރު، 16 މީހުން ވަނީ ޒަހަމްވެފަ އެވެ.

މިދިޔަ ހަފުތާގައި 852 އުޅަނދެއް ބަލާ ފާސް ކުރި އެވެ. ފާސް ކުރި ވެހިކަލްތަކުގެ ތެރެއިން ގަވައިދާ ހިލާފު ގިނަ ކަންތައްތަކެއް ފާހަގަ ވެގެން ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. ޗެކް ކުރި ވެހިކަލްތަކުގެ ތެރެއިން، ލައިސެންސް ނެތި ދުއްވި 113 މީހަކަށް ފިޔަވަޅު އެޅި އިރު، 49 އުޅަނދެއްގައި ރޯޑްވާދިނަސް ނެތުމުގެ އިތުރުން 28 އުޅަނދުގެ އަހަރީ ފީ ދައްކާފައިނުވާކަމަށް ހިސާބުތަކުން ދައްކަ އެވެ.

ގަވައިދާ ހިލާފަށް ޕާކް ކުރުމާ ގުޅިގެން ނިމިގެންދިޔަ ހަފުތާގައި 850 އަށް ވުރެ ގިނަ އަދަދަކަށް ވެހިކަލްގައި ސްޓިކާ ޖަހާފައިވާއިރު، ޕާކްކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖަހާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ކުޑަ ދުވަސްކޮޅަކު ސްޓިކާ ޖެހުން ހުއްޓާލުމަށްފަހު ފުލުހުން ގެންދަނީ ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ވެހިކަލެއްގައި ސްޓިކާ ޖަހަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!