ފުށިދިއްގާއިން މާލީ މަންފާ ހޯދި މައްސަލައިގެ ތަހުގީގު ފުލުހުން ފަށައިފި

ގާނޫނާ ޚިލާފަށް ކަމާގުޅޭ އެއްވެސް ހުއްދައެއް އަދި ލައިސަންސްއެއް ނެތި އދ. ފުށި ދިއްގާގައި ވިޔަފާރި ހިންގި މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުށިދިއްގާގެ ބެލެނިވެރިކަމުގެ މައްސަލަ ކޯޓްގައި ހިނގަމުން ދަނިކޮށް އެ ރަށުން ބަޔަކު މާލީ މަންފާ ހޯދާ މައްސަލައާ ގުޅިގެން ފުލުހުންނާއި، ޓޫރިޒަމް މިނިސްޓްރީގެ ޓީމެއް އެ ރަށަށް އަރާ ބަލަންޖެހޭ ބެލުންތައް ވަނީ ބަލާފައެވެ.

އެ ބެލުންތަކަށް ފަހު ފުލުހުން ބުނެފައިވަނީ ފުށިދިއްގާގައި ގާނޫނާ ޚިލާފަށް ފަތުރުވެރިންނަށް ޚިދުމަތް ދެމުން ގެންދާކަން ފާހަގަކުރެވުނު ކަމަށާ މި މައްސަލާއާއި ގުޅިގެން ޓްއަރިޒަމް މިނިސްޓްރީގެ އެދުމުގެ މަތިން އެ ރަށް މިއަދުން ފެށިގެން އެ މިނިސްޓްރީން ވަކި ގޮތެއް ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުން ބެލެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރަށުގައި ހުރި ތަކެތި ހުސްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

“އެރަށައް މިއަދު ފުލުހުން ދިޔައިރު ތިބީ ދެ ބިދޭސީ ފިރިހެނުން އެކަނި. ދެ މީހުންގެވެސް ރަސްމީ އެއްވެސް ލިޔުމެއް ނެތް. މީގެ ތެރެއިން އެކަކީ ގަވާއިދާ ޚިލާފަށް ފިލައިގެން އުޅޭ ބިދޭސީ އެއް ކަމަށް އިމިގްރޭޝަނަށް ރިޕޯޓްކޮށްފައިވާ މީހެއް. ދެވަނަ މީހަކީވެސް އިމިގްރޭޝަން ގާނޫނާ ޚިލާފަށް އުޅޭ މީހެއް.” ފުލުހުން ބުންޏެވެ.

އެ ރަށަކީ ދައުލަތުގެ ބެލުމުގެ ދަށުގައި އޮތް ރަށަކަށްވުމުން މިއަދު ޓްއަރިޒަމް މިނިސްޓްރީގެ ޓީމާ، ފުލުހުންގެ ޓީމް އެރަށައް އެރީ ކޯޓް އަމުރެއް ނެތި ކަމަށްވެސް ފުލުހުން ބުނެއެވެ.

ގާނޫނާ ޚިލާފަށް ކަމާގުޅޭ އެއްވެސް ހުއްދައެއް އަދި ލައިސަންސްއެއް ނެތި އދ. ފުށި ދިއްގާގައި ވިޔަފާރި ހިންގި މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

“މި މައްސަލައާއި ގުޅުންހުރި ބައެއް ލިޔެކިޔުންތައް ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވޭ.” ފުލުހުން ބުންޏެވެ.

ފުށިދިއްގާއަކީ ކުރީ ސަރުކާރުން ދެ ކުންފުންޏަކަށް ބޮޑު އަގުގައި ވިއްކާލާފައިވާ ރަށެކެވެ. ދެ ނަމެއްގައި އެ ރަށަށް ދެ ކުންފުންޏަކަށް ވިއްކާލާފައިވާތީ ރަށުގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއް ކޯޓްގައި ދަނީ ހިނގަމުންނެވެ.

ނަމަވެސް މީގެ އަހަރުތަކެއް ކުރިން ފެށިގެން އެ ރަށް ވަރުވާއަށް ގެންގުޅުނު ފަރާތުން ދަނީ އެ ރަށައް ފަތުރުވެރިން ގެނެސް މާލީ މަންފާ ހޯދަމުންނެވެ. ފުށިދިއްގާގެ ބެލެނިވެރިކަން ހޯދަން ތިން ޕާޓީއަކުން މަސައްކަތް ކުރަމުންދާއިރު، އެ މައްސަލަ އޮތީ އަދިވެސް ކޯޓްގަ އެވެ. މިރަށަށް ވެފައި އޮތް ގޮތެއް ސަރުކާރަކަށް މުޅީން ސާފެއް ނުވެއެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އެ ރަށް ވިއްކާލި ދެ ކުންފުނިން ވަނީ ދައުލަތަށް ފައިސާ ދައްކާފަ އެވެ. އެ ދެ ކުންފުނިން ދެއްކި ފައިސާއަށް އެއިން ކުންފުންޏަލަށް ރަށެއް ވެސް އަދި އެއްވެސް ބަދަލެއް ލިބިފައެއް ނެތެވެ. އެއާ ހިލާފަށް އެހެން ފަރާތަކުން ގެންދަނީ ރަށުގައި ދެ ބިދޭސީއަކު ބައިތިއްބައިގެން މާލީ މަންފާ ހޯދަމުންނެވެ.

ޕިކްނިކް އައިލެންޑެއް ނުވަތަ ރިސޯޓެއްގެ ގޮތުގައި މީގެ އަހަރެއްހާ ދުވަސް ކުރިން ފެށިގެން އެ ރަށުން އެމީހުން ގެންދަނީ މާލީ މަންފާ ހޯދަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!