މެޑިކަލް އެކްސްޕޯ ފަށައިފި

ރާއްޖޭގައި ބާއްވާ ސިއްހީ ދާއިރާގެ އެންމެ ބޮޑު އެކްސްޕޯ ކަމަށްވާ “މޯލްޑިވްސް މެޑިކަލް އެކްސްޕޯ” މިއަދު ފަށައިފި އެވެ.

މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ދަރުބާރުގޭގައި ބާއްވާ މި އެކްސްޕޯ ހުޅުއްވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޝާހު މާހިރެވެ. އެމްވީ މެޑިކަލްސް އިން އިންތިޒާމްކުރާ މި އެކްސްޕޯގައި ރާއްޖޭގެ އިތުރުން އަވަށްޓެރި ބައެއް ގައުމުތަކުގެ ސިއްހީ ހިދުމަތް ދޭ ބައެއް ތަންތަނުން ވަނީ ބައިވެރިވެފަ އެވެ.

އެމްވީ މެޑިކަލްސް އިން ބުނީ މި އެކްސްޕޯ އަކީ ސިއްހީ ދާއިރާ ކުރިއެރުވުމަށްޓަކައި ދުނިޔޭގެ ފެންވަރުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ހިދުމަތް ދިނުމަށް ކުންފުނިތައް އަހުލުވެރިކުރުމުގެ ގޮތުން ބާއްވާ އެކްސްޕޯއެއް ކަމަށެވެ. އަދި މި ހިދުމަތްތަކުގެ މައުލޫމާތު ރައްޔިތުންނާ ހަމައަށް އެކްސްޕޯގައި ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްވީ މެޑިކަލްސް އިން ބުންޏެވެ.

މި އެކްސްޕޯ އަށް ޒިޔާރަތްކުރާ މީހުންނަށް ސްޓޯލްތަކުން ހިލޭ ހިދުމަތްތައް ލިބޭނެ އެވެ. އެގޮތުން، އުރަމަތީ ކެންސަރަށް ސްކްރީން ކުރުމާއި ހަކުރު ޓެސްޓު ހެދުމާއި ސިއްހަތަށް ފައިދާ ހުރި ކާނާއާ ގުޅޭ މައުލޫމާތު ވެސް ދޭނެ އެވެ.

މި އެކްސްޕޯ އާންމުންނަށް ހުޅުވާލާފައި ހުންނާނީ ކޮންމެ ދުވަހަކު ހަވީރު 4:00 އިން 11:00 އާ ހަމައަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!