ސާކު ލިޓްރަރީ އެވޯޑު ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއަށް ލިބިވަޑައިގެންފި

ދެކުނު އޭޝިޔާގެ އަދަބީ މަހާސަމާގައި ސާކު ލިޓްރަރީ އެވޯޑު ދިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއަށް ދެއްވައިފިއެވެ.

މި އެވޯޑު ދީފައިވަނީ މިހާރު އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދާ ދެކުނު އޭޝިޔާގެ އަދަބީ މަހާސިންތާގެ ތެރެއިންނެވެ. މި އެވޯޑަކީ އަދަބިއްޔާތަށް ޚިދުމަތްކުރާ ފާރާތްތަކުގެ އަގުވަޒަންކޮށް ކޮންމެ އަހަރަކުވެސް ދެމުން ގެންދާ އެވޯދެކެވެ. މިގޮތުން މިއަހަރުގެ މި އެވޯޑު އަޝްރަފުގެ އިތުރުން އިތުރު ދެ ބޭފުޅަކަށް ވަނީ ލިބިފައެވެ. މިއަހަރުގެ މިއެވޯޑު އަޝްރަފަށް ލިބިފައިވަނީ އޭނާ ލިޔެފައިވާ ފޮތްތަކާއި ލިޔުންތަކާއި ކިޔަވައިދިނުމާއި އަދަބިއްޔާތު ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތަކުގެ އަގުވަޒަންކޮށްފައެވެ. މިއީ މި އެވޯޑު ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.

މި މަހާސިންތާއަކީ ސާކު ޤައުމުތަކުގެ ލިޔުންތެރިންނާއި އަދަބިއްޔާތާ ބެހޭ ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މަހާސިންތާއެކެވެ. މި މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި ވަނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ތަޤްރީރުކުރައްވާފައެވެ.

މި މަހާސިންތާގައި ރާއްޖެއިން ކަރުދާހެއް ހުށައެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރާއްޖެއިން ހުށައަޅާ ކަރުދާހަކީ ރާއްޖޭގައި އަދަބިއްޔާތުގެ މިހާރުގެ ހާލަތާއި އަދަބިއްޔާތު ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި އަދަބިއްޔާތު ކުރިއެރުވުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުންނެވެ. މީގެ އިތުރުން މި މަހާސިންތާގައި ރާއްޖެއިން ޅެމެއް ހުށައެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!