އެމްޑީއެންގެ އިސް މީހުން ފުލުހަށް ހާޒިރު ކުރަން ޗިޓް ފޮނުވަން ފަށައިފި

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް އެ ޖަމިއްޔާގެ އިސް ބައެއް މީހުން ހާޒިރުވުމަށް ޗިޓް ފޮނުވަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިސްލާމް ދީނާއި ރަސޫލާ އަށް ވަރަށް ބޮޑަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރަން ޖެހޭ މީހުން ހާޒިރު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ބައެއް މީހުންނަށް ޗިޓް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހާޒިރު ކުރަނީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އެނގިފައިވާގޮތުގައި އެ ރިޕޯޓު ލިޔުނު އެއްވެސް މީހަކު ރާއްޖެ އަކު މިހާރު ނެތެވެ. ރިޕޯޓުގެ މައްސަލަ ބޮޑުވި އިރު، އެމްޑީއެންގައި އިސްކޮށް އުޅުއްވި ޝަހިންދާ އިސްމާއިލް ހުންނެވީ ޖަރުމަނުގަ އެވެ. އެ ޖަމިއްޔާގައި، މި ރިޕޯޓް ލިއުމުގައި ދެން އުޅުނު ބައެއް މީހުން ވެސް މިހާރު ރާއްޖޭގައި ނެތެވެ.

ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާ ގުޅިގެން އެ ޖަމިއްޔާ ވަނީ ޔޫތު މިނިސްޓްރީން ސަަސްޕެންޑް ކޮށްފަ އެވެ.

ދީނީ އިލްމުވެރިންނާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!