އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ތަޙްޤީޤަށް ސުވާލުކުރަންޖެހޭ ފަރާތްތަކާއި ޗިޓް ހަވާލުކޮށްފި

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓުގެ މައްސަލައިގެ ތަހުގީގަށް އެ ޖަމިއްޔާގެ އިސް ބައެއް މީހުން ހާޒިރުވުމަށް ޗިޓް ފޮނުވަން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަޙްޤީޤާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ މިމައްސަލާގައި ތަޙްޤީޤަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ކުރަންޖެހޭ މަސައްކަތް ފުލުހުން ކުރަމުންދާކަމަށެވެ. އެގޮތުން މިމައްސަލާގައި ފުލުހުންގެ ތަޙްޤީޤަށް ހާޒިރުކޮށް ސުވާލުކުރަން ފުލުހުން ބޭނުންވާ ފަރާތްތަކާއި ސުވާލުކުރުމަށްޓަކައި ފުލުސް އޮފީހަށް ހާޒިރުވުމަށް އެފަރާތްތަކާއި ޗިޓް ހަވާލުކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ނަމަވެސް މިމައްސަލާގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ ކިތައް މީހުންނަށްކަމެއް، އަދި ހާޒިރުވާން އަންގާފައިވަނީ ކޮންދުވަހަކުކަމެއް ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ. ފުލުހުން ވިދާޅުވީ މިމައްސަލަޔަކީ ފުލުހުން ތަޙްޤީޤު ކުރަމުންދާ މައްސަލަޔަކަށްވުމުން މައްސަލަ ކުރިއަށްދާވަރަކުން މަޢުލޫމާތު ހާމަކުރަމުން ދާނެކަމަށެވެ.

އެނގިފައިވާގޮތުގައި އެ ރިޕޯޓު ލިޔުނު އެއްވެސް މީހަކު ރާއްޖެ އަކު މިހާރު ނެތެވެ. ރިޕޯޓުގެ މައްސަލަ ބޮޑުވި އިރު، އެމްޑީއެންގައި އިސްކޮށް އުޅުއްވި ޝަހިންދާ އިސްމާއިލް ހުންނެވީ ޖަރުމަނުގަ އެވެ. އެ ޖަމިއްޔާގައި، މި ރިޕޯޓް ލިއުމުގައި ދެން އުޅުނު ބައެއް މީހުން ވެސް މިހާރު ރާއްޖޭގައި ނެތެވެ.

ރައީސުލްޖުމްހޫރިއްޔާވެސް ވަނީ މި މައްސަލަ ބައްލަވައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!