ފުލުހުންގެ ތަހުގީގަށް ޝަހިންދާ ހާޒިރު ކުރަނީ

އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް އެ ޖަމިއްޔާގެ ފައުންޑަރު ޝަހިންދާ އިސްމާއީލް ހާޒިރުކުރަން ޗިޓް ހަވާލުކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

މިވަގުތު ރާއްޖޭން ބޭރުގައި ހުންނެވި ޝަހިންދާ ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ، ތަހުގީގަށް އޭނާ ހާޒިރުކުރުމަށް ޗިޓު ހަވާލުކުރާނެ އެޑްރެހެއް ހޯދަން ފުލުހުން އޭނާއާ ގުޅި ކަމަށެވެ.

“އަހަރެންނާ ފުލުހުން ގުޅި. ޗިޓު ފޮނުވަން އަހަރެންގެ އެޑްރެސް ހޯދަން ގުޅީ،” މިވަގުތު ޖަރުމަނުގައި ހުންނެވި ޝަހިންދާ މައުލޫމާތު ދީފައިވެ އެވެ.

ޝަހިންދާ ބުނި ގޮތުގައި ޗިޓު ލިބޭތާ 14 ދުވަހުގެ ތެރޭގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވާންޖެހޭނެކަމަށް އޭނާ ގާތު ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެ ތަހުގީގަށް އޭނާ ރާއްޖެއަށް އަންނާނެކަމެއް ނުވަތަ ނޫން ކަމެއްވެސް ބުނެފައެއްނުވެ އެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި މިހާތަނަށް ލިބިފައިނުވާއިރު، އެމްޑީއެންގައި އިސްކޮށް އުޅޭ ހުރިހާ ބޭފުޅުން ރިޕޯޓު ނެރުނުއިރުވެސް ރާއްޖޭގައި ނެތްކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެ ޖަމިއްޔާ އުވާލަން ގިނަ ބަޔަކު ގޮވާލަމުންދާއިރު، ޖަމިއްޔާ އުވާލުމުގެ މަސައްކަތް އަވަސް ކުރުމަށް ރާއްޖޭގެ ދީނީ އިލްމުވެރިން ވެސް ވަނީ ގޮވާލާފަ އެވެ.

އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ވަކި ކޮޅަކަށް ނުޖެހި ތަހުގީގު ކުރައްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީއެން މައްސަލާގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި އާންމުން ގެންދަނީ އެ މައްސަލާގައި ތަހުގީގު ކުރަން އޮތީ ކޮން ކަމެއްތޯ ސުވާލު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!