ބޭރުކުރަން އުޅުނީ އަބޫ ހަނީފްއާ ގުޅުން ހުރި ފައިސާތޯ ތަހުގީގު ކުރަނީ

ރާއްޖެ އިން މިދިޔަ މަހު ފަހުކޮޅު ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅެނިކޮށް އިމިގްރޭޝަނުން ހުއްޓުވާފައިވާ އިރު އެ ފައިސާއަކީ ޑިޕޯޓްކޮށްލި އަބޫ ހަނީފްއާ ގުޅުން ހުރި ފައިސާތޯ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ވަޑިއެއްގެ ނަމުގައި ރާއްޖެ އެތެރެވެ، ބަނޑަހަ ކެފޭގެ ސުޕަވައިޒަރަކަށް އުޅުނު އަބޫ ހަނީފް ފުރަން ދިއުމުން ޑިޕޯޓްކުރީ މިދިޔަ މަހުގެ ތެރޭގަ އެވެ. ރާއްޖޭގައި އެކި ވިޔަފާރިތައް ހިންގައި މަނީ ލޯންޑާކުރާ ކަމުގެ ތުހުމަތު އެޅިފައިވާ ހަނީފް، ޑިޕޯޓްކުރި ފަހުން އިމިގްރޭޝަނުން ވަނީ ގިނަ އަދަދެއްގެ ފައިސާ ބޭރުކުރަން އުޅުނު ދެ މީހަކު ހުއްޓުވައިފަ އެވެ.

އެނގިފައިވާ ގޮތުގައި ޑޮލަރާއި ޔޫރޯ އިން ބޭރުކުރަން އުޅުނު މި ފައިސާގެ އަދަދު 2.5 މިލިއަން ރުފިޔާ އަށް އަރަ އެވެ.

ފުރަތަމަ ހުއްޓުވީ މިދިޔަ މަހުގެ 15 ގައި ފައިސާ ބޭރުކުރަން އުޅުނު އިންޑިއާގެ ރައްޔިތެކެވެ. އޭނާގެ އަތުން 60،000 ޑޮލަރު (925،200ރ.) އާއި 5،400 ޔޫރޯ (91،044ރ.) ފެނުނު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭގެ ފަހުން ހުއްޓުވީ 4،600 ޑޮލަރު (70،932ރ.) އާއި 37،500 ޔޫރޯ (594،950ރ.) ބޭރުކުރަން އުޅުނު ދިވެއްސެކެވެ.

ތަހުގީގު ކުރުމަކާ ނުލައި ހަނީފް ޑިޕޯޓްކުރި މައްސަލައިގައި، ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގައި މެމްބަރުން ސުވާލު ދެންނެވުމުން ޗީފް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ހަނީފްގެ މައްޗަށް ތުހުމަތުކުރާ މައްސަލަތަކެއް ފުލުހުންގެ ސަމާލުކަމަށް އައީ ޑިޕޯޓްކުރި ފަހުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!