ދިޔާނާ އާއި މަހާޒުގެ ނަން ރައީސް މަޖިލީހަށް ފޮނުވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައިދާއި ޑުރަގް ކޯޓްގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

އެ ދެ ބޭފުޅުންގެ ނަން ފޮނުއްވާފައިވީ ނަމަވެސް އައްޔަން ކުރަން ޖެހެނީ އެންމެ ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގައި ދެ ނަން ދިރާސާ ކުރުމަށްފަހު ރުހުން ދޭނީ އެއް ބޭފުޅަކަށެވެ. މި މަގާމަކީ އަބްދުﷲ ދީދީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުން ވަކި ކުރުމުން ހުސްވެފައިވާ މަގާމެވެ.

މަހާޒުގެ ނަން އެންމެ ފުރަތަމަ ލަފާ ހޯއްދެވުމަށް ޖޭއެސްސީއަށް ފޮނުއްވީ ވެސް ރައީސް އެވެ. ދިޔާނާ މަގާމަށް ކުރިމަތިލެއްވީ އަމިއްލައަށެވެ. ޖޭއެސްސީއިން މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު ލިސްޓްގެ ކުރިއަށް ގެންނެވީ ދިޔާނާ އާއި މަހާޒުގެ ނަމެވެ. އަދި ރައީސްއަށް ލަފާ އެރުއްވީ ވެސް އެ ދެ ބޭފުޅުންގެ ނަމެވެ. ދެން އެ މަގާމަށް ކުރިމަތިލެއްވީ ހައިކޯޓުގެ ފަނޑިޔާރުންތަކެކެވެ.

މީގެ ދުވަސްކޮޅެއް ކުރިން ޑރ. އަޒްމިލަދާ ޒާހިރާއި އައިޝާ ސުޖޫން ވެސް ވަނީ ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފަ އެވެ. އެ ދެ ބޭފުޅުންގެ ނަމަކީ ވެސް އެންމެ ފުރަތަމަ ރައީސް ހޮއްވެވި ދެ ނަމެވެ. އެ ދެ ބޭފުޅުންނަށް މަޖިލީހުގެ ގިނަ މެންބަރުންގެ ރުހުން ލިބުނެވެ. އެ ދެ ބޭފުޅުން އައްޔަން ކުރީ ގާނޫނަށް ބަދަލު ގެނެސް ހަތް ފަނޑިޔާރުންނަށް ބެންޗު އިތުރުކުރުމުން އައި ދެ މަގާމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!