އުއްތަމަ ފަނޑިޔާރުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަނީ

ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އަޅާފައި ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

ޖޭއެސްސީ އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައެއް ތަޙްޤީޤުކުރުމަށްޓަކައި އެކޮމިޝަނަށް ޙާޟިރުވެވަޑައިގަތުމަށް އުއްތަމަ ފަނޑިޔާރަށް އަމުރު ފޮނުވުމުން އެމައްސަލަ ބެލުމުގެ އިޚްތިޞާޞް އެ ކޮމިޝަނަށް ލިބިގެން ނުވާކަމަށް ވިދާޅުވެ ކޮމިޝަނަށް ޙާޟިރުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރޔ ސިޓީފުޅެއް ފޮނުއްވާފައިވާކަމަށެވެ.

އަދި އޭގެ ފަހުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާ މެދު އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނަކީ ޙަޤީޤަތާޚިލާފު ވާހަކަތަކެއް ހިމެނޭ ގޮތައް ނެރުއްވި ބަޔާނެއް ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ. އަދި އެ ބަޔާން އެގޮތައް ނެރުއްވުމާ ގުޅިގެން އެއީ އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ބެލުމަށް ނިންމާފައިވާކަމަށާ، މައްސަލަ ބަލަން ޖޭއެސްސީން ނިންމީ އުއްތަމަ ފަނޑިޔާރު ބަޔާން ނެރުއްވާފައިވަނީ ޖޭއެސްސީގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅުއްވައި އެކޮމިޝަނުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުގެގޮތުންކަމަށް ފެންނާތީ ކަމަށްވެސް ޖޭއެސްސީން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އުއްތަމަފަނޑިޔާރާ ގުޅޭގޮތުން މީގެ ކުރިން ޖޭއެސްސީން ބެއްލެވި ސުލޫކީ މައްސަލައެއް ސާބިތުވެ ތައުދީބީ ފިޔަވަޅެއްގެ ގޮތުން ނަޞޭޙަތް ދިނުމަށް އެކޮމިޝަނުން ނިންމުމުން، އެކޮމިޝަނުން ފޮނުވި ނަޞޭހަތުގެ ލިޔުމާ ޙަވާލުވެވަޑައިގަތުމަށްވެސް އިންކާރުކުރައްވާފައި ވާތީ އެމައްސަލަ ބެލުމަށްވެސް ކޮމިޝަނުން ނިންމާފައިވާކަމަށް މި ނޫސްބަޔާނުގައި ފާހަގަ ކުރައްވާފައިވެއެވެ.

އުއްތަމަ ފަނޑިޔާރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ކުރާ ހުކުމްތަކުގެ މައްސަލަ ޖޭއެސްސީއަށް ނުބެލޭނެ ކަމަށެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއްވެސް މައްސަލައެއްގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން، އެ ނިންމުމަށް ގޮންޖަހައި އެ ނިންމުން ނިންމި ފަނޑިޔާރު ނުފޫޒު ފޯރުވައި ބިރު ދައްކައި އަދި އެ ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރުންފަދަ ކަންކަމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!