ރާއްޖެއާއި ތައިލެންޑާއި ދެމެދު ވައިގެ ދަތުރުތައް އިތުރުކުރުމަށް މަޝްވަރާކުރައްވައިފި

ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި ގުޅޭ ގޮތުން ފޮރިން މިނިސްޓަރ ޝާހިދު، ތައިލެންޑްގެ ފޮރިންގ މިނިސްޓަރ ޑޮން ޕްރަމުދްވިނާއީ ވާހަކަފުޅު ދެއްކަވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ތައިލެންޑްގެ މިނިސްޓްރީ އޮފް ފޮރިންގ އެފެއަރޒްގައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، ތައިލެންޑްގެ އެއަރލައިނެއްކަމަށްވާ ބެންކޮކް އެއަރވޭސްއިން އަންނަ އަހަރުން ފެށިގެން ދުވާލަކު 2 ފްލައިޓް މާލެއާއި ބެންކޮކާއި ދެމެދު ބާއްވާގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި މިއީ ދިވެހިރާއްޖެއާއި ތައިލެންޑާ ދެމެދު ވައިގެ ދަތުރުފަތުރު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވުނު މަސައްކަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދެޤައުމުގެ ސިޔާސީ ގުޅުމަށް 40 އަހަރު ފުރުމާއި ގުޅިގެން އެކަމުގެ ތަހުނިޔާ ވިދާޅުވެ، ވިސާއާއި ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރުމުގެ މަގު އެޤައުމުން ފަހިކޮށްދީފައިވާތީ ތައިލެންޑްގެ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވިސާ އެގްރިމެންޓްގެ ދަށުން ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި ލިބިގެންދާ ފަސޭހަތަކާއި ގުޅޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި ވަކިން ޚާއްސަކޮށް ބޭސްފަރުވާއަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދާ ފަސޭހަތައް މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ތައިލެންޑްގެ ފޮރިން މިނިސްޓަރ ޕްރަމުދްވިނާއީގެ ވާހަކަފުޅުގައި ދެޤައުމު ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ތައިލެންޑްގެ ކުންފުންޏެއްކަމަށްވާ ސިންހާ ގްރޫޕުން ދިވެހިރާއްޖޭގައި އިންވެސްޓްކޮށްފައިވާއިރު، އޭގެ ސަބަބުން ތައިލެންޑްގެ އިތުރު ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރު ލިބިގެންދާނެކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝާހިދު ތައިލެންޑަށް މިކުރައްވާ ދަތުރުފުޅަކީ އެޤައުމުގެ ފޮރިން މިނިސްޓަރގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!