ސުޕްރީމް ކޯޓުން ކުރާ ހުކުމްތަކުގެ މައްސަލަ ޖޭއެސްސީއަށް ނުބެލޭނެ

ސުޕްރީމް ކޯޓުގެން ކުރާ ހުކުމްތަކުގެ މައްސަލަ ޖޭއެސްސީއަށް ނުބެލޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވެ މިއަދު ބަޔާނެއް ނެރުއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާގުޅޭ ސުލޫކީ މައްސަލަތަކެއް ބެލުމަށް ނިންމައި، އެކަން މިދިޔަ ބުދަދުވަހު އެ ފަނޑިޔާރުންނަށް އެންގުމާ ގުޅިގެންނެވެ.

އެގޮތުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ އެއްވެސް މައްސަލައެއްގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުން، އެ ނިންމުމަށް ގޮންޖަހައި އެ ނިންމުން ނިންމި ފަނޑިޔާރު ނުފޫޒު ފޯރުވައި ބިރު ދައްކައި އަދި އެ ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އަޅަން މަސައްކަތް ކުރުންފަދަ ކަންކަމަކީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން ކުރެވޭ ޣައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.

އަދި ޖޭއެސްސީއާ ދުސްތޫރީ ގޮތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކަށް ބަލާއިރު ވެސް ރާއްޖޭގެ އެއްވެސް ކޯޓެއްގެ އެއްވެސް ކަހަލަ ނިންމުމެއް މުރާޖައާ ކުރުމާއި އެއްވެސް ފަނޑިޔާރަކަށް އެއްވެސް ކަހަލަ ފިޔަވަޅެއް އެޅުމަށް އެއްވެސް ކަހަލަ އިޖުރާއަތެއް ހިންގުމުގެ އެއްވެސް ކަހަލަ ބާރެއް ނުވަތަ އިހުތިސާސެއް ވެސް ޖޭއެސްސީ އަށް ލިބިގެން ނުވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ޖޭއެސްސީގެ އެ އަމަލަކީ މިނިވަން އަދި މުސްތަޤިއްލު ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރުގެ ބާރު ކަނޑުވައިލައި، އެ ބާރުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ނިގުޅައިގަނެ، ވަކި ބައެއްގެ ބާރާއި ނުފޫޒާއި ކޮންޓްރޯލުގެ ދަށަށް ދިވެހިރާއްޖޭގެ ކޯޓުތައް ގެންގޮސް، ފަނޑިޔާރުންނަށް ބިރު ދައްކައިގެން ފަނޑިޔާރުން ވަކި ބައެއްގެ ކޮންޓްރޯލުގެ ދަށަށް ގެންގޮސް، ދިވެހި ދައުލަތުގެ ޢަދުލުއިންޞާފުގެ ނިޒާމު ހަލާކު ވެގެން ހިނގައިދާނޭ ގޮތައްކުރާ ކަމެއް ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވަނީ ވިދާޅުވެފައި އެވެ.

ގާނޫނޫ އަސާސީގެ “ބާރު ކަނޑުވައިލައިގެން” ހިންގަމުން ގެންދާ ޣައިރުދުސްތޫރީ އަދި ޣައިރުޤާނޫނީ ޢަމަލުތަކެއްކަމުގައިވާތީ، އެކަން ހުއްޓުވާ ދެއްވުމަށް އުއްތަމަ ފަނޑިޔާރު ރައީސުލް ޖުމްހޫރިއްޔާއަށް މި ބަޔާން މެދުވެރިކޮށް އިލްމާސް ކުރައްވާފައިވެ އެވެ. އަދި ދިވެހި ދައުލަތުގައި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރު ހިންގަވައިދެއްވައި، އަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރުގެ މިނިވަންކަމާއި މުސްތަޤިއްލުކަން ކަށަވަރުކޮށް ނަގަހައްޓަވައި ދެއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާއަށާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އުއްތަމަ ފަނޑިޔާރު ވަނީ އިލްތިމާސްކުރައްވާފައި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!