ފޮޓޯ؛ގޫގުލް

ޕީޖީ ބިޝާމް ވަކިކުރުމުގެ މަސައްކަތް ފަށައިފި

ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މަޤާމުން ވަކިކުރުމުގެ މަސައްކަތް ފަށާ އެކަން މަޖިލީހުގެ ރައީސަށް އެންގުމަށް ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

ޖުޑީޝަރީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޖީ ބިޝާމް ވަކިކުރުމަށް ހުށަހެޅީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. އޭނާގެ ހުށަހެޅުމަށް ތާއީދު ކުރެއްވި، ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިންއެވެ. މި ހުށަހެޅުން ފާސްވެފައިވަނީ ކޮމިޓީއަށް ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ ޢައުލަބިއްޔަތުންނެވެ.

ކޮމިޓީގެ މުޤައްރިރު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މިއަދު ކޮމިޓީގައި ނިންމާފައިވަނީ ޕީޖީ ބިޝާމް އާއިމެދު ކޮމިޓީގެ މެމްބަރުންނަށް އޭނާ ވަކިކުރުމަށް ފެންނާތީ މަޖިލީހުގެ ޤަވާއިދު ހަމަޖެހިފައިވާ ގޮތުގެމަތީން އޭނާ ވަކިކުރުމުގުގެ ކުރިން މަޖިލިސްގެ ރިޔާސަތަށް ފޮނުވަންޖެހޭ ސިޓީ ފޮނުވުމަށްކަމަށެވެ. މިއަދުގެ ކޮމިޓީގައި މިކަން ފާސްވެފައިވުމުން މަޖިލީހުގެ ރިޔާސަތުން މިކަމަށް ވަކިގޮތެއް ކަނޑައެޅުމުން ޕީޖީ ބިޝާމްގެ މައްސަލާގައި ކޮމިޓީން ކުރަންޖެހޭ މަސައްކަތް ކުރަމުންދާނެކަމަށެވެ.

ޕީޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ހުށަހެޅިއެވެ. ނަމަވެސް ޕީޖީގެ އިތުބާރު ނެތްކަމަށް ވޯޓަށް އެހުމުގެ ކުރިން އެ ދެ ފަހަރުވެސް ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

19 ވަނަ މަޖިލިސް ފެށުނުފަހުން މިނިވަން ބައެއް މުއައްސަސާތަކުގައި ތިއްބެވި އިސްވެރިން ވަކިކުރަން ކޮމިޓީތަކުން ފާސްކޮށްފައިވާއިރު ޕީޖީ ބިޝާމް މަގާމުން ވަކި ނުކުރާތީ ބައެއް އާއްމުން އަންނަނީ ސޯޝަލް މީޑިޔާގައި ވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!