ފޮރިން މިނިސްޓަރ ޝާހިދު ތައިލެންޑްގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ތައިލެންޑްގެ ފޮރިން މިނިސްޓަރ ޑޮން ޕްރަމުދްވިނާއީ އާއި މިއަދު ހެނދުނު ބައްދަލުކުރައްވައިފިއެވެ.

ތައިލެންޑްގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދެޤައުމުގެ ސިޔާސީ ގުޅުމަށް 40 އަހަރު ފުރުމާއި ގުޅިގެން އެކަމުގެ ތަހުނިޔާ ވިދާޅުވެ، ވިސާއާއި ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރުމުގެ މަގު އެޤައުމުން ފަހިކޮށްދީފައިވާތީ ތައިލެންޑްގެ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވިސާ އެގްރިމެންޓްގެ ދަށުން ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި ލިބިގެންދާ ފަސޭހަތަކާއި ގުޅޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި ވަކިން ޚާއްސަކޮށް ބޭސްފަރުވާއަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދާ ފަސޭހަތައް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ތައިލެންޑްގެ އެއަރލައިނެއްކަމަށްވާ ބެންކޮކް އެއަރވޭސްއިން އަންނަ އަހަރުން ފެށިގެން ދުވާލަކު 2 ފްލައިޓް މާލެއާއި ބެންކޮކާއި ދެމެދު ބާއްވާ ގޮތަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ތައިލެންޑްގެ ފޮރިން މިނިސްޓަރ ޕްރަމުދްވިނާއީގެ ވާހަކަފުޅުގައި ދެޤައުމު ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ތައިލެންޑްގެ ކުންފުންޏެއްކަމަށްވާ ސިންހާ ގްރޫޕުން ދިވެހިރާއްޖޭގައި އިންވެސްޓްކޮށްފައިވާއިރު، އޭގެ ސަބަބުން ތައިލެންޑްގެ އިތުރު ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރު ލިބިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޝާހިދު ތައިލެންޑަށް މިކުރައްވާ ދަތުރުފުޅަކީ އެޤައުމުގެ ފޮރިން މިނިސްޓަރގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!