މައްޗަންގޯޅި ގެއެއް ބަލައިފާސްކޮށް ބަނގުރާ ފުޅިތަކަކާއެކު ހަތަރު މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މައްޗަންގޯޅި ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާފުޅި ތަކަކާއެކު ހަތަރު މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި 02 ފިރިހެނުންނާއި 27 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.

މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޮކްޓޫބަރު 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައިފާސްކުރިއިރު 44 ފުޅި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 35 ސެލޯފިންކޮޅާއި މަނާ ބޭހުގެ 04 ގުޅަ ބޭސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

 މިމައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އޮކްޓޫބަރު 15 ވަނަ ދުވަހު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ހަތަރު މީހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤުކުރަމުނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!