ރިސޯޓެއްގައި މާކަނާއެއް މަރާލި މައްސަލަ ބަލަނީ

ރިސޯޓެއްގައި މާކަނާއެއް މަރާލި މައްސަލައެއް ބަލަމުން ގެންދާ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.


އީޕީއޭ އިން މިހެން ބުނެފައި މިވަނީ ރިސޯޓެއްގެ ރޫމަކަށް މާކަނާއެއް ވަނުމުން ރިސޯޓުގެ މުވައްޒަފަކު މާކަނާ ހިފައިގެން ގެންދިއުމަށްފަހު މާކަނާއަށް އަނިޔާކޮށް މަރާލި މަންޒަރު ދައްކުވައިދޭ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

މިމައްސަލައިގައި އީޕީއޭއިން ބުނެފައިވަނީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުގައި މާކަނާއެއް މަރާލި މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެމައްސަލަ އީޕީއޭ އިން ބަލަމުންދާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން މާކަނާއަކީ ހިމާޔަތްކޮށްފައިވާ ދޫންޏެކެވެ. އެގޮތުން ހިމާޔަތްކޮށްފައިވާ ދިރޭ ތަކެއްޗަށް އަނިޔާކޮށް ގެއްލުން ދިނުމަކީ ގާނޫނީ ކުށެކެވެ.

އަދި އެ ކުށަށް އަރައިގަތުމަކީ ބޮޑު ޖޫރިމަނާއެއް އަންނަ ކުށެކެވެ.