ހައިކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު މިއަދު ޖޭއެސްސީއަށް ހާޒިރުކުރަނީ

ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފި އެވެ.


ޖޭއެސްސީން ބަލަމުންދާ މައްސަލައެއްގައި ސުވާލުކުރުމަށް ޝުޖާއު ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވަނީ މިއަދު ހެނދުނު 10 ޖަހާއިރު އެވެ.

ޝުޖާއު ޖޭއެސްސީއަށް ހާޒިރުކުރަނީ ހައިކޯޓުން ބަލަމުންދިޔަ މައްސަލައެއްގައި އުއްތަމަ ފަނޑިޔާރު އެންގެވި ގޮތަކަށް އަމަލުކުރެއްވި ކަމަށް ބުނާ މައްސަލައެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މައްސަލަ ޖޭއެސްސީން ބަލަމުންދާއިރު ހައިކޯޓުގެ އެހެން ފަނޑިޔާރެއް ކަމުގައިވާ ހަސަން އަލީގެ މައްސަލަ ވެސް ޖޭއެސްސީން ގެންދަނީ ބަލަމުންނެވެ. މިމައްސަލައިގައި ޖޭއެސްސީން ވަކި ގޮތެއް ނިންމަންދެން ފަނޑިޔާރު ހަސަން އަލީ ސަސްޕެންޑް ކުރުމަށް ވެސް މިދިޔަ މަހުގެ 16 ވަނަ ދުވަހު ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަމުންދާއިރު ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްކޮށް އޮތް ދެ މަގާމަށް ކުރިމަތިލުމަށްވެސް ޖޭއެެސްސީން މިހާރު ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!