ސަމާހް ޕޮލިސް މީޑީއާއިން ބޭރުކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި: ފުލުހުން

ޗެނަލް 13 ގެ ނޫސްވެރިޔާ މުހައްމަދު ސަމާހް ޕޮލިސް މީޑިއާގެ ވަޓްސްއަޕް ގުރޫޕުން ބޭރުކޮށްފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ކަމަށް ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ތަރުޖަމާން އިޒްމިއާ ޒާހިރު ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕޮލިސް މީޑިއާ ވަޓްސްއެޕް ގުރޫފުން ޗެނަލް 13 ގެ ނޫސްވެރިޔާ ސަމާހް މުހައްމަދު ބޭރުކޮށްފައިވަނީ ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެއްގައި ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލު އިޒްމިއާ ހާމަކުރައްވާފައެއް ނުވެ އެވެ.

މީގެއިތުރުން އޭނާ އެ ގުރޫޕުން ބޭރުކުރުމުގެ ކުރިން ޗެނަލް 13ގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރަން މަސައްކަތް ކުރެއްވި ކަމަށް އިޒްމިއާ ވިދާޅުވި އެވެ. ނަމަވެސް ބައްދަލުވުމަށް އެދުނު ފަރާތް ބައްދަލުކޮށްފައި ނުވާ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.

އިޒްމިއާ ވިދާޅުވި ގޮތުގައި ޗެނަލް 13 ގެ ނޫސްވެރިޔަކު މިހާރު ވެސް އެގުރޫޕުގައި އެބައިނެވެ. އަދި ގުރޫޕުގައި ނެތަސް ޕޮލިސް މީޑިއާއަށް ގުޅުމުން ހުރިހާ މީޑިއާތަކަށް ވެސް މައުލޫމާތު ލިބޭނެ ކަމަށް އިޒްމިއާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ސަމާހް ޕޮލިސް މީޑިއާ ގުރޫޕުން ބޭރުކޮށްފައިވަނީ ފުލުހަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައަކާއި ގުޅިގެންނެވެ. އަދި މިހާދިސާ ހިނގައިފައިވަނީ ކޯޓު ކައިރިއަށް ކުރީގެ ރައީސް ޔާމިން އަށް ތާއީދުކުރާ ފަރާތްތަކުން އެއްވި ދުވަހުއެވެ.

ފުލުހުން ކުރާ ތުހުމަތަށް ސަމާހް އިންކާރުކޮށްފައިވާއިރު، ސަމާހް އިތުރަށް ބުނީ ފުލުހުންގެ ވަޓްސްއަޕް ގުރޫޕްގައި އެޗެނަލްގެ އިތުރު މުވައްޒަފަކު ނުހުންނާނެ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!