މިނިމަމްވޭޖް ބޮޑު ޒަޚަރަކަށް ވެގެން ނުވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައަޅާއިރު އެކަން ކުރަންވާނީ ވަރަށް ޕްރޮފެޝަނަލްކޮށް ހަމަހަމަ އުސޫލެއްގެ ތެރެއިން ކަމަށާ އެހެން ނޫންނަމަ އެކަން ވަރަށް ބޮޑު ޒަޚަރަކަށް ވެގެންދާނެ ކަމަށް ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ މިނިމަަމްވޭޖް ކަނޑައެޅުމާ އެމަނިކުފާނު ދެކޮޅު ނުހައްދަވާ ކަމަށެވެ. އަދި އެއީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ މަސައްކަތް ކުރަންވާނީ ވަރަށް ޕްރޮފެޝަނަލްކޮށް އެހެން ގައުމުތަކުންވެސް އެ މަސައްކަތް ކޮށްފައިވާ ގޮތް ނަމޫނާ އަކަށް ބަލައިގެން ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މިނިވަންވޭޖްގެ ގާނޫނެއް ހަދާއިރު ވަކި ދާއިރާއަކުން އެކަނި މުސާރައިގެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ހުރިހާ ސެކްޓާތަކަކަށްވެސް އެއް ހަމައަކުން އެކަން ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

“ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި މިނިމަމްވޭޖް ކަނޑައަޅާފައިވޭ. ނަމަވެސް އެކަން ކުރެވޭ ގޮތަކުން އެ ވެދާނެ ވަރަށް ބޮޑު ޒަޚަރަށްވެސް. އެހެންވީމަ ވަރަށް ވިސްނުންތެރިކަމާއެކު، ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެކަން ކުރައްވަންވާނީ.. ވަކި ސެކްޓަރަކަށް ވަކި ދާއިރާއަކަށް ނުވަތަ ވަކި މީހަކަށް މާ ބޮޑު ބުރައެއް އަންނަ ގޮތަކަށް، ވަކި ސެކްޓަރެއްގައި މަސައްކަތް ކުރާ ބަޔަކަށް މިނިވަންވޭޖަކީ މިއޭ.. އެޔޭ.. ކިޔައިގެން ކަނޑައަޅަން ވެއްޖެނަމަ އެ މުޅިން ގޯސްވީ. އެހާ ހިސާބުން މުޅި އިންޑަސްޓްރީ ހަލާކުވެގެންދާނީ. އެއީ ޓްއަރިޒަމް އިންޑަސްޓްރީވިޔަސް، މަސްވެރިކަން ވިޔަސް އަދި އިމާރާތް ކުރުމުގެ ދާއިރާ ވިޔަސް.” ފަސްހާހަށްވުރެ ގިނަ މުވައްޒިފުން ވަޒީފާ އަދާކުރަމުންދާ ވިލާ ކުންފުނީގެ ވެރިޔާ ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޮންމެ ގައުމަކުންވެސް އުފުލަންޖެހޭނީ އެ ގައުމެއްގެ ފުދުންތެރިކަމަށް އެކަށޭނަ ވަރުގެ ކަންކަމެވެ. އެ ނޫންގޮތަކަށް ގައުމުގެ ސިޔާސަތުތައް ބައްޓަންވާނަމަ ގައުމު ހަލާކުގެ ތެރެއަށް ހިނގައިދާނެކަމަށް ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ނުއުުފުލޭވަރުގެ ބޮޑު ބުރައެއް އުފުލަންވެއްޖެނަމަ އަޅުގަނޑުމެން ދާނީ ހަލާކުވެގެން. އަޅުގަނޑުމެންގެ އިޖުތިމާއީ އަދި އިގްތިސާދީ ކަންކަންވެސް ދާނީ ފުޑުފުޑުވެގެންް. އަޅުގަނޑުމެންނަށް ކުރިއަކަށް ނުދެވޭނެ. ގައުމަށް ލިބޭ ހުރިހާ އާމްދަނީއެއް ދާނީ ތަފާތު ގޮތްގޮތަށް ބޭރުވެގެން.” ގާސިމް އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން އިންކަމް ޓެކްސް ނެންގެވުމުގައިވެސް އިންސާފުވެރިކަމާ ހަމަހަމަ ކަމާއެކު އެކަން ކުރެއްވުން ވަރަށް މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

  1. މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ، ވެލްފެއަރ އެލަވަންސް ތަކަށް ވުރެން ބޮޑުކޮށް. އެހެން ވީމައި އެކަނިވެރި… އެލަވަންސްއަށް ވުރެން ބޮޑުކޮށް. 10000އަށް ވުރެން މަތިވާންޖެހޭނެ. ޖަލުގައި މީހަކަށް ޙަރަދު ކުރާ މިންވަރު މަސައްކަތްކުރާ އާންމު ރައްޔިތަކަށް މަދުވެގެން ލިބެންޖެހޭނެ.

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!