އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އިނާޔަތް 10000 ރުފިޔާއަށް

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް 10،000ރ. އާ ހަމައަށް ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

އެމަނިކުފާނު އެގޮތަށް ނިންމެވީ، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމަށް ޖެންޑާ މިނިސްޓްރީން ހުށަހެޅި ކަރުދާހާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ފަރާތުން އެ ކަރުދާސް ހުށަހަޅާފައި ވަނީ، އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ މާލީ އެހީގެ ޕްރޮގްރާމް މިހާރު ހިނގަމުންދާ ގޮތުން، އެހީ ހައްގުވާ ބައެއް މީހުން އިސްތިސްނާ ވަމުންދާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ. މީގެ ކުރިން 2016 ވަނަ އަހަރު އެ އެހީ ދޭ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ވަރަށް ގިނަ މީހުން އެހީން މަހްރޫމް ވެފައިވާ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

އެހެންކަމުން މި ގެނެވޭ އިސްލާޙްތަކާއެކު މިހާރު އެހީ ޙައްޤުވާ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ލިބިގެންދާނެއެވެ. މިގޮތުން މިއަދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު ގެންނަވަން ނިންމެވި ބަދަލުތަކުގެ ތެރޭގައި، ފަގީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި މިހާރު ބޭނުންކުރާ މިނިމަމް ޔުނިޓަކީ، “ގޭބިސީ” (އެއްތަނެއްގައި ކައްކައި ކައިބޮއި ނިދައި އުޅޭ އެންމެން) ކަމަށް ބެލުމުގެ ބަދަލުގައި، ފަގީރުކަމުގެ ޙާލަތު ކަނޑައެޅުމުގައި ބަލާ މިނިމަމް ޔުނިޓަކީ، އެކަނި ކުދިން ބަލަހައްޓާ މަންމަ ނުވަތަ ބައްޕަގެ ޢާއިލާ ކަމުގައި ކަނޑައެޅުމަށް ނިންމެވުން ހިމެނެއެވެ.

މީގެ އިތުރުން މިހާރުގެ ޙާލަތަށް ބައްލަވައި “އިންކަމް ތްރެޝްހޯލްޑް” ކަނޑައަޅުއްވާނީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިންކަމުގައި ވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީ، އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިންނަށް ލިބެމުން ދިޔަނަމަވެސް އެކަނި ކުދިން ބަލަހައްޓާ މަންމައިންނާއި ބައްޕައިނަށް ދެވޭ އެލަވަންސްވެސް އެފަދަ މަންމައިންނާއި ބައްޕައިންނަށް ލިބޭގޮތަށް ހަމަޖެއްސެވުން ވެސް މި ނިންމުންތަކުގެ ތެރޭގައި ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!