މަޖިލީހުގައި މެންބަރުން ބަހުސް ކުރައްވާއިރު މާލެއާ ރާއްޖެތެރެ ތަފާތުކޮށްގެން ވާހަކަ ނުދައްކަން ނަޝީދު އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ބަހުސް ކުރައްވާއިރު މާލެ އާއި ރާއްޖެތެރޭ އެހެނިހެން ރަށްތައް ތަފާތު ނުކުރުމަށާއި ވަކި އާބާދީއަކަށް ކުޑައިމީސް ނުކުރުމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އެދިވަޑައިގެންފި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލާގައި އެމްޑީޕީން މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރުތަކާ ގުޅިގެން މެންބަރު ކުރެއްވި ބަހުސް ބަދަލުވެފައި އޮތީ މާލެއާއި އަތޮޅުތެރޭ ރަށްތަކާއި ބެހޭ ބަހުސަކަށެވެ.

އެގޮތުން އަތޮޅުތެރޭގެ ދާއިރާތައް ތަމްސީލު ކުރައްވާ ބައެއް މެންބަރުން ވިދާޅުވަނީ ރަށްރަށުގައި އުޅޭ މީހުން މާލެއަށް ހިޖުރަ ކުރަނީ އުޅެވޭނެ ގޮތެއް ނެތިގެން ކަމަށާއި އެ މީހުން މާލޭގައި އުޅެނީ ވެސް ވަރަށް ދަތި ހާލުގައި ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް މާލޭގެ ދާއިރާތައް ތަމްސީލު ކުރައްވާ ބައެއް މެންބަރުން ވިދާޅުވީ މާލޭ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު މާ ނިކަމެތި ކަމަށެވެ. އެހެންކަމުން ހުޅުމާލެއިން ގެދޮރު ދޫކުރަން ޖެހޭނީ ހަމަ އެކަނި މާލޭގެ ރައްޔިތުންނާއި، ގިނަ ދުވަހު މާލޭގައި ދިރިއުޅުނު ރައްޔިތުންނަށް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.

އެކަން ހޫނުވެފައި ވަނިކޮށް ބަހުސްގެ މެދު ތެރެއިން ރައީސް ނަޝީދު ވިދާޅުވީ މާލެއާއި ރަށްރަށުގެ ތަފާތުގެ ވާހަކާއާއި ޖުމަލަކޮށް ވަކި އާބާދީއަކަށް ނިސްބަތްކޮށް ކުޑައިމީސް ބަހެއް ބުނުމަކީ މެންބަރުންގެ ކިބައިން ފެންނާނެ ނޭދެވޭ ސިފައެއް ކަމަށެވެ. އަދި ތަފާތު ކުރުމެއް ނެތި ވާހަކަ ދެއްކުމުގެ އަހުލާގު ކޮންމެ މެންބަރަކު ވެސް ހިފަހައްޓަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

“އަޅުގަނޑުގެ އިލްތިމާސަކީ އިއްޒަތްތެރި މެންބަރުން ބޯހިޔާވަހިކަމުގެ މައްސަލައަށް ބަހުސް ކުރައްވާއިރުގައި އަދި އެހެން މައްސަލައެއް ބަހުސް ކުރައްވާއިރުގައި ރަށްރަށާއި މާލެއާ ތަފާތު ކުރެއްވުމާއި އެއްވެސް ބަޔަކަށް ނޫނީ ޖުމުލަކޮށް ވަކި އާބާދީއަކަށް ނިސްބަތްކޮށް ކުޑައި މީސް ބަހެއް ބުނުމަކީ ވަރަށް ނޭދެވޭ ކަމެއް ކަމަށް މެންބަރުން ވިސްނުން،” ރައީސް ނަޝީދު ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!