އެންޓި-ކޮރަޕްޝަންގެ ޤާނޫނު ރިވިއުކޮށް، އިސްލާހު ގެނައުމުގެ މަސައްކަތް ފަށައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދަނީ ކުރިއަށް މިއޮތް ފަސްއަހަރު އެ ކޮމިޝަނުން ކުރަން ނިންމާ މަސައްކަތްކުގެ ސްޓްރެޓީޖިކް ޕްލޭނެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެންމެ އިސްކަމެއް ދީގެން އެކޮމިޝަނުން ކުރަން ނިންމާފައިވާ މަސައްކަތަކީ އެންޓި-ކޮރަޕްޝަނުގެ ޤާނޫނު ރިވިއުކޮށް، ޤާނޫނު އިސްލާހްކުރުމުގެ މަސައްކަތްކަމަށް ކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

އޭސީސީގެ އާ މެމްބަރުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން، ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ފެއްޓެވީ އެންމެ މުހިއްމު އެއް ކަމެއްގެ ގޮތުގައި އެ ކޮމިޝަނަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް މިނިވަންކަމާ އެކު ހިންގާ، ރައްޔިތުން އިތުބާރުކުރާ ތަނަކަށް ހެދުމަށް މެމްބަރުން އަޒުމްކަނޑައަޅާފައިވާ ކަމަށް ވިދާޅުވަމުންނެވެ. ނުފޫޒުގެ ދަށުވެ، ސަރުކާރު ހިމާޔަތްކޮށްދޭން އުޅޭ ކަމުގެ ތުހުމަތު، އެ ކޮމިޝަނަށް ކުރާނެ ޖާގަ މެމްބަރުން ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވަން އުޅުނަސް އަޅުގަނޑުމެންނަށް އޮންނާނެ ދެއްތޯ އިޚްތިޔާރު އެއަށް ތަބާނުވުމުގެ. އަޅުގަނޑުމެންގެ ފަސް މެމްބަރުން އަަޒުމް ކަނޑައަޅައިގެން މިތިބީ ކިތަންމެ ވަރަކަށް އުޅުނަސް ނުފޫޒު ނުފޯރުވޭނެ ކަމަށް،” ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށެވެ. އެ މަސައްކަތުގައި، އެންމެ މުހިއްމު ކަމަކީ ގެއްލިފައި އޮތް އިތުބާރު އޭސީސީ އަށް އަނބުރާ ހޯދައިދިނުން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ނޫސްބެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަންގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ ކޮމިޝަންގެ މަސައްކަތްތައް މިފަސް އަހަރަށް ބައްޓަން ކުރާނެ ގޮތުގެ ޕްލޭނެއް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އަދި ކޮމިޝަނެގެ ތެރެއިން ކުރުމަށް ނިންމާ މަސައްކަތްތައް ރޭވުމާއި މިމަސައްކަތްތަކަކީ ވީހާވެސް ބޮޑަށް ދެފުށްފެންނަ އުސޫލެއްގެ ދަށުން ކުރިއަށްގެންދާނެ މަސައްކަތްތަކެއްކަމަށް ހަދާނެކަމަށް ޝިއުނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!