ވެރިކަން ލިބިއްޖެނަމަ ކޮންމެ މަސްވެރިޔަކަށް 30000 ރުފިޔާ ދޭނަން: ޖާބިރު

ވެރިކަން ލިބިވަޑައިގެންފިނަމަ ކޮންމެ މަހަކު މަސްވެރިންނަށް 30،000 ރުފިޔާ ދެއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަސްވެރިކަމުގެ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މިއޮތްހާ ދުވަސްވީ އިރުވެސް މަސްވެރިންނަށް ރަނގަޅު ގޮތެއް ހޯދިފައި ނެތުމަކީ ދެރަކަމެއް ކަމަށާއި ކުރީގެ ސަރުކާރުން ވެސް ބެޔަސް ނުބެޔަސްގެ ނަމުގައި 10،000 ރުފިޔާ ދޭން ބުނި ނަމަވެސް އެ ފައިސާ ވެސް ދީފައިނުވާ ކަމަށެވެ.

މިއަދު ދެއްކެވި ވާހަކަފުޅުގައި ޖާބިރު ވިދާޅުވީ، މަސްވެރިކަމުގެ ވާހަކަ ދައްކަވަން އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށާއި، ކުޑައިރު އޭނާ ވެސް މަހަށް ގޮސްފައި ހުންނާނެ ކަމަށެވެ. އަދި ކުރިން މަސްވެރި ކުންފުންޏެއްގެ ޗެއާމަންކަން ވެސް އަދާކުރައްވާފައިވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، ރާއްޖޭގައި ކަންތައްތައް އޮންނަން ޖެހޭ ގޮތަކީ، މަހަށް ދާ މަސްވެރިޔާ އުމުރު ދުވަހު މަހަށް ދިއުން ނޫން ކަމަށެވެ. އެހެންކަމުން ރައީސް ކަމަށް ވަޑައިގަނެވިއްޖެ ނަމަ، ކޮންމެ މަސްވެރިއަކަށް ކޮންމެ މަހަކު 30000 ރުފިޔާ ދެއްވާނެ ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވީ މަސްވެރިކަމުގެ ބިލުގައި މިހާރު އޮތީ މުޅިން ވެސް ނުކުރެވޭނެހާ ކަންކަމުގެ ވާހަކަ ކަމަށާއި މަސްވެރިން އެއްގޮތަކަށް ވެސް ކުށްވެރި ވެގެން ނުވާ ކަމަށެވެ. އަދި ކަންކަން އޮންނަންޖެހޭނީ މުޅި އުމަރު ދުވަހު މަސްވެރިކަމުގައި އުޅެންޖެހޭ ގޮތަށް ނޫން ކަމަށާއި މި ބިލުގެ އިތުރުން މަސްވެރިކަމުން ފައިސާ ލިބޭނެ ގޮތުގެ ބިލެއް ވެސް ތައްޔާރުކުރަންޖެހޭ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.


Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!