މަސްވެރިކަމުގެ ބިލް ފާސްކޮށްފި

މަސްވެރިކަމާ ބެހޭ ބިލު ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރު ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ. އެ ބިލު ފާސްވީ 55 މެމްބަރުންގެ އިއްތިފާގުންނެވެ.

80 މާއްދާއެއްގެ މައްޗަށް އެކުލެވޭ މި ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރުމާއެކު 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ މަސްވެރިކަމުގެ ގާނޫނު އުވިގެންދާނެއެވެ.

ސަރުކާރުން ބުނީ މި ބިލަކީ މަސްވެރިންގެ ޚިޔާލާއި އިހްސާސްތަކަށް ރިއާޔަތް ކުރެވިގެން، މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖްރިބާކާރުންގެ އިރުޝާދާއި ލަފާވެސް ހިމެނިގެން ތައްޔާރުކުރެވިފައިވާ ބިލެއް ކަމަށެވެ.

ބިލް މަޖިލީހުން ފާސްކޮށްފައިވަނީ ގިނަ ބަދަލުތަކެއް ބިލަށް ގެނައުމަށްފަހުއެވެ. އެގޮތުން މަސްވެރިންނާ ގުޅުންހުރި އަދި ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ގިނަ ކަންތައްތަކެއް ބިލަށް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ގޭދޮށު މަސްފެކްޓަރީ އެޅުމަށް ފަހިވާނެ ކަންކަމުގެ ތަފްސީލު ބިލުގައި ހިމަނާފައިވެއެވެ. މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާ ގޭދޮށު މަސް ފެކްޓަރީތަކުގައި ތިބޭ މުވައްޒަފުންގެ ތެރެއިން 55 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިން ކަމަށް ހަދަން މަސްވެރިކަމުގެ ބިލުގައި ވަނީ ހިމަނާފައެވެ. މީގެ އިތުރުން ކަނޑުގެ ސަރަހައްދުގައި އޮފްޝޯ ޕްލެޓްފޯމްތަކެއް ގާއިމުކުރުމަށް ބިލްގައި ހިމަނާފައިވާއިރު ރާއްޖޭގައި މަސް ދޯނިފަހަރާއި ބޯޓުފަހަރު ބަނުމުގެ ވިޔަފާރި ފުޅާ ކުރުމަށް މަގުފަހިކުރަން ވެސް ބިލްގައި ވަނީ ހިމަނާފައެވެ.

މީގެއިތުރުން މަސްވެރިންނަށް ޕެންޝަން ސްކީމަކާއި ޑިސްއެބިލިޓީ އިންޝުއަރެންސް ސްކީމެއްގެ އިތުރުން މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ އިތުރުން މަސްވެރިކަމުގެ ކޮލެޖެއް ގާއިމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންވާނެ ކަމަށް ބުނެފައިވެއެވެ.

ސަރުކާރުން ވެފައިވާ ވައުދާއި އެއްގޮތަށް މިހާރު އެކުލަވާލެވިފައިވާ މަސްވެރިކަމުގެ ބިލުގައި ބިދޭސީ އުޅަނދަކަށް ނުވަތަ ބޭރު ގައުމެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ދިވެހިރާއްޖޭގައި މަސްވެރިކަންކުރުމުގެ ލައިސަންސް ދޫކޮށްގެންނުވާނެ ކަމުގައި ބަޔާންކުރެވިފައިވެއެވެ.

މީގެއިތުރުން ބޮޑު ދަލު ނުވަތަ ޕަރސް ސެއިން މަސްވެރިކަމާއި، އޮޔާދާ ދައު ނުވަތަ ގިލް ނެޓްގެ މަސްވެރިކަމާއި އަދި ދަމާ ދައު ނުވަތަ ޓްރޯލް ނެޓްގެ އެއްވެސް ބާވަތެއްގެ މަސްވެރިކަމެއް ރާއްޖޭގައި ނުކުރެވޭނެ ކަމާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ވަގަށް މަސްވެރިކަންކުރަނިކޮށް ހިފެހެއްޓޭ ބޭރުގެ އުޅަނދުފަހަރާއި މެދު އަމަލުކުރާނެ ގޮތުގެ ހަމަތައް ވެސް ބިލުގައި ކަނޑައަޅާފައިވާނެ ކަމަށް ބުނެފައިވެއެވެ. އަދި މިފަދަ އުޅަނދުފަހަރު ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭނެ މާއްދާތައް ބިލުގައި ވަނީ ހިމަނާފައެވެ.

މި ބިލުން ބޮޑުކަންނެލީގެ މަސްވެރިކަމަށް އަދި އެހެނިހެން މަސްވެރިކަމަށްވެސް މަސް ގަނެވޭނެ އެންމެ ދަށް އަގު ނުވަތަ ފްލޯ ޕްރައިސް އެއް ކަނޑައެޅުމުގެ ބާރު ލިބޭނެ ކަމަށާއި ފްލޯ ޕްރައިސް ކަނޑައެޅިގެންދާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯރސަސް އެންޑް އެގްރިކަލްޗަރ ގެ އިސްނެންގެވުމުގެ ދަށުން، އެކަމަށް މުހިންމު ވިސްނުންތަކެއް ވިސްނައި، ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިން އަދި ދާއިރާގެ މާހިރުންގެ ލަފައާއި އިރުޝާދުގެ މަތިން ކަމަށްވެސް ބުނެފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!