ފުލުހުން ބޭނުންތަކަށް ބޭނުންކުރަމުންދާ ދޫނިދޫގައި، ބަނދަރު ހަދައި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާއި އެކު ސޮއިކޮށްފިއެވެ.
މި ޕްރޮޖްކެޓްގައި އެމްޓީސީސީއާއެކު ސޮއިކޮށްފައިވަނީ އިއްޔެ އެމްޓީސީސީގެ އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ޕްރޮޖެކްޓްގައި އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ. އަދި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދުއެވެ.
މި އެއްބަސް ވުމުގެ ދަށުން 4.61 ހެކްޓަރުގެ ސަރަހައްދެއްކޮނެ، 3.75 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި 193، 167 އަދި 9.5 މީޓަރުގެ ދިގު ބްރޭކްވޯޓަރ ހެދުމާއި، 620 މީޓަރުގެ ދިގު ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 250 މީޓަރުގެ ކުއޭ ވޯލްއެއްވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 51.4 މިލިއަން ދިވެހި ރުފިޔާއަށެވެ.