ހއ. ހޯރަފުށީ އެއާޕޯޓު ހަދަން، އެ ރަށު ފަޅުތެރެއިން ހިއްކަން ފެށި ސަރަހައްދު ހިއްކައި ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، އެމްޓީސީސީގެ މަހާޖައްރާފް ބޭނުންކޮށްގެން އެ ސަރަހައްދު ހިއްކައި ނިންމާލާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެ މަސައްކަތް ކުރާ އެމްޓީސީސީން ވަނީ 345،500 އަކަ މީޓަރު ހިއްކައިފަ އެވެ.އެ ސަރަހައްދު ހިއްކަން ފެށީ މިދިޔަ އޭޕްރީލް މަހު އެވެ. އެ މަސައްކަތް ކުރިން ނިންމަން ހަމަޖައްސާފައިވަނީ ޖުލައި މަހުގަ އެވެ.
އެ ސަރަހައްދު ހިއްކުމުގެ އަގަކީ 67 މިލިއަން ރުފިޔާ އެވެ.
އެއާޕޯޓް ހެދުމުގެ ހުރިހާ މަސައްކަތެއް ހަވާލުކޮށްފައިވާ އެމްޓީސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހިއްކައި ނިމުމާ އެކު ކުރަން ޖެހޭ އެހެން ކަންކަން ކުރަމުން އަންނަ ކަމަށެވެ.
އަންނަ އަހަރުގެ ކުރީކޮޅު ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 198 މިލިއަން ރުފިޔާ އަށެވެ.