އިންސާނީ ހައްޤުތައް ޙިމާޔަތްކުރަން ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރު ތައުރީފުކުރައްވައިފި

އދ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ މެމްބަރު ޤައުމުތަކާއި އޮބްޒާވަރ ޤައުމުތަކާއިއެކު އިންސާނީ ހައްޤުތަކާއި ބެހޭ އދގެ ހައިކޮމިޝަނަރ ހަރ އެކްސެލެންސީ މިޝޭލް ބެޝެލޭ، ޖެނީވާގައި ހުންނަ އދގެ އޮފީހުގައި އިއްޔެ ނުރަސްމީ ބައްދަލުވުމެއް ބާއްވަވައިފިއެވެ. މިނުރަސްމީ ބައްދަލުވުމަކީ އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ސެޝަންތަކުގެ ކުރިން އަބަދުވެސް ހައިކޮމިޝަނަރ ބާއްވަވާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހައި ކޮމިޝަނަރ ބެޝެލޭ ވިދާޅުވީ ކުރިއަށް އޮތް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ 42 ވަނަ ސެޝަންގައި އެކަމަނާ ދައްކަވާ ވާހަކަފުޅުގައި މޫސުމީ ބަދަލުތަކާއި ގުޅިގެން މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތަކާއި ގުޅޭ ވާހަކަތަކަށް އަލިއަޅުވާލައްވާނެކަމަށެވެ. އަދި އަވަސް ފިޔަވަޅުތަކެއް ޤައުމުތަކުން ނާޅާއިފިނަމަ އދގެ 2030 އެޖެންޑާގައި ހިމެނޭ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްނުވާނެކަމަށް ދެކެވަޑައިގަންނަވާކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އިންސާނީ ހައްޤުތަކާއި ބެހޭ ކައުންސިލްގެ ކުރިއަށް އޮތް ސެޝަންގައި އިންސާނީ ހައްޤުތައް ހިމާޔަތްކޮށް ކުރިއެރުވުމުގައި ޤައުމުތަކުން ހޯދާފައިވާ ކާމިޔާބީގެ ވާހަކަ އިތުރުކުރުމަށް އެކަމަނާ ބާރު އެޅުއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ މިސާލު ނަންގަވަމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ދިވެހިރާއްޖެއިން އޮފީސް އޮފް ދަ ހައިކޮމިޝަނަރ ފޮރ ހިއުމަން ރައިޓްސްއާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމާއި، އިންސާނީ ހައްޤުތަކާއި ބެހޭ މުޝީރަކު ދިވެހިރާއްޖެއަށް ފޮނުއްވުމަށް ދިވެހި ސަރުކާރުން އެދިފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖެއަކީ އިންސާނީ ހައްޤުތައް ޙިމާޔަތްކުރުމުގެ ރަނގަޅު މިސާލެއްކަމަށް އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއިން އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހުގެ އެހީއަށް އެދިފައިވަނީ ރާއްޖޭގެ އިންސާނީ ހައްޤުތަކުގެ ޙާލަތު ރަނގަޅުކުރުމަށް ސަރުކާރުން އިސްނަގައިގެންނެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވަޑައިގެންނެވީ ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގެ ދާއިމީ މަންދޫބު ހާލާ ހަމީދުއެވެ. އެމްބެސެޑަރ ހާލާގެ ވާހަކަފުޅުގައި މޫސުމީ މައްސަލަތަކަށް އަވަސް ހައްލެއް ގެނައުމަށް ހައި ކޮމިޝަނަރ ދެއްވާ އަހައްމިއްޔަތުކަމަށް ޝުކުރު އަދާކުރައްވައި، މޫސުމީ ބަދަލުތަކުގެ މައްސަލައަށް އިންސާނީ ހައްޤުތަކުގެ ނަޒަރުން ވަކާލާތު ކުރައްވާތީ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން އެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ކުރިއަށް އޮތްތަނުގައިވެސް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ހައިކޮމިޝަނަރުގެ އޮފީހާއި ގުޅިގެން ދިވެހިރާއްޖެއިން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަޤީންކަން އެމްބެސެޑަރ ހާލާ، ހައިކޮމިޝަނަރަށް އެރުވިއެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް 2 އަންހެން ބޭފުޅުން އައްޔަންކުރެވުނު ކަމުގެ މައުލޫމާތު ހައިކޮމިޝަނަރާއި ހިއްސާކުރައްވައި، އިންސާނީ ހައްޤުތައް ކަށަވަރުކޮށްދީ، ކުރިއެރުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!