ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަ ބޭފުޅަކު ކުރިމަތިލައްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ހަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ ފަނޑިިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމުންނެވެ. އެހެންވެ، އެ މަގާމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން އޮތީ ހުޅުވާލައިފަ އެވެ.

ޖޭއެސްސީން ބުނިގޮތުގައި އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު ހަ ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށެވެ. އެގޮތުން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަދި ފަނޑިޔާރު ހަސަން އަލީގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހަ ބޭފުޅަކު ކުރިމަތިލެއްވިއިރު، ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އެ މަގާމަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް އެދިވަޑައިގެން ރައީސް ވަނީ ޖޭއެސްސީއަށް ފޮނުއްވައިފަ އެވެ.

ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކެއް މަޖިލީހުން ފާސް ކޮށްގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!