ސުޕްރީމް ކޯޓަށް މަހާޒް އައްޔަން ކުރަން ރައީސް ޖޭއެސްސީ އަށް ފޮނުވައިފި

ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފައަކަށް މިއަދު އެދިވަޑައިގެންފި އެވެ.

ސުޕްރީމް ކޯޓަށް އާ ފަނޑިޔާރަކު މި އައްޔަން ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ބަދަލުގަ އެވެ. ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑީޑީ ވަކިކުރަން ނިންމައިފަ އެވެ.

ޑީޑީ، އެ މަގާމުން ވަކި ކުރެއްވުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ކުރިން އޮތީ ހުޅުވާލައިފަ އެވެ. އެ ފުރުސަތު މިއަދު ވަނީ ހަމަވެފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކަކަށް ބިނާކޮށް އެ މަޖިލީހުން ފާސް ކޮށްގެންނެވެ.

މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން، މާސްޓަސް އޮފް ކޮމްޕެރެޓިވް ލޯސް ހާސިލްކުރައްވާފައިވާ މަހާޒަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ޑްރަގް ކޯޓު އުފެދުމާ އެކު، އެ ކޯޓަށް ފުރަތަމަ އައްޔަން ކުރެއްވި ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ގދ. މަޑަވެއްޔަށް އުފަން މަހާޒް ސުޕްރީމް ކޯޓަށް އައްޔަން ކުރުމާ މެދު ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތްއިރު، އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިތުރު ދެ ބޭފުޅަކު އިއްޔެ ވަނީ އެ ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!