ނިކްގެ އުމުރު އޮޅުވާލަން އުޅުމުން ޕްރިޔަންކާ ހޫނުފެނަށް

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ލޯބީގެ ގޮތުން އެންމެ ފުރަތަމަ ގުޅުން އިރުން ފަށައިގެން މީހުން ދައްކާ އެއް ވާހަކައެއް އޮވެއެވެ. އެއީ އެދެމީހުންގެ އުމުރުގެ ބޮޑު ފަރަގެއް އޮންނަ ވާހަކައެވެ. މިކަމަށް ބައެއް މީހުންގެ ފާޑުކިއުން އޭރު ވަރަށް ބޮޑަށް އަމާޒުވެފައިވާއިރު، ޕްރިޔަންކާ ކުރި ކަމަކުން އަނެއްކާވެސް އޭނާ މިވަނީ އުމުރުގެ ވާހަކައިގައި ހޫނުފެނަށް ވެއްޓިފައެވެ.

ޕްރިޔަންކާ އާއި ނިކްގެ އުމުރުގެ ދިހަ އަހަރުގެ ތަފާތެއް ހުރިއިރު، ޕްރިޔަންކާ ވަނީ ނިކްގެ އުމުރު ނުބައިކޮށް ހާމަކޮށްފައެވެ. އެގޮތުން ނިކްއަށް 27 އަހަރު ފުރިފައިވާ ކަމަށް ބުނެ ޕްރިޔަންކާ އާންމުކުރި ޕޯސްޓަކަށް މިހާރު ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާއިރު، ނިކްގެ އަސްލު އުމުރަކީ 26 އަހަރެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކާއި މިހާރު ޕްރިޔަންކާއަށް ކުރިމަތިލާން ޖެހިފައިވާއިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ ފިރިމީހާގެ އުމުރު ޕްރިޔަންކާއަށް ނޭނގުމަކީ ލަދުވެތި ކަމެއް ކަމަށެވެ. އަނެއް ބަޔަކު އެއީ ޕްރިޔަންކާ އޮޅުވާލުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށް ޤަބޫލުކުރާއިރު، އެފަރާތްތަކުން ބުނަނީ ނިކްގެ އުމުރު ގިނަ ބަޔަކަށް އެނގޭ ކަމަށާއި އޭނާއަށް އަދި ވީ 26 އަހަރު ކަމަށެވެ.

ނިކް ޖޯނަސް އުފަންވީ 1992 ވަނަ އަހަރުގެ ސެޕްޓެމްބަރު 16 ވަނަ ދުވަހުއެވެ. އޭނާގެ 27 ވަނަ އުފަންދުވަސް އަންނާނީ މި ހިނގާ ސެޕްޓެމްބަރު 16 ވަނަ ދުވަހުއެވެ. އެހެންކަމުން ސެޕްޓެމްބަރު މަސް ފެށިފައިވުމާއި އެކު އޭނާއަށް 27 އަހަރު ފުރުނީ ކަމަށް ބެލެވިދާނެ ކަމަށް ޕްރިޔަންކާ އާއި އެއްކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އުމުރުން 37 އަހަރުގެ ޕްރިޔަންކާ، ނިކް އާއި ކައިވެނިކުރީ މިދިޔަ އަހަރުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!