މުރުސީގެ ދަރިކަލުން ހިތްހުއްޓިގެން އަވަހާރަ ވެއްޖެ

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ ދަރިކަލުން އަބްދުﷲ މުރްސީ ކުއްލި ގޮތަކަށް އަވަހާރަ ވެއްޖެ އެވެ.

އަބްދުﷲ މުރުސީ އަކީ މިސްރުގައި ފުރަތަމަ ބޭއްވުނު މިނިވަން އިންސާފްވެރި އިންތިހާބު ކާމިޔާބު ކުރެއްވި މުރުސީގެ އެންމެ ހަގު ދަރިކަލުން ނެވެ. އުމުރުފުޅުން 20 އަހަރުގައި އަބްދުﷲ މުރުސީ އަވަހާރަ ވެފައި ވަނީ ރައްޓެއްސަކާއެކު ކާރު ދުއްވުން ނިކުމެ ވަޑައިގެން އުޅުއްވަނިކޮށް ހިތްހުއްޓި ގެންނެވެ.

އަބްދުﷲ ފާހަގަ ވެގެން ގޮސްފައިވަނީ ބައްޕާފުޅު މުރުސީ އަވަހާރަ ވުމުން އާއިލާގެ ތަރުޖަމާނެއްގެ ގޮތުގައި އެވެ.

އަބްދުﷲ ކުރިން ތުހުމަތު ކުރައްވާފައިވާ ގޮތުގައި މިސްރުގެ ސަރުކާރުން ބައްޕާފުޅު އަވަހާރަކޮށްލީ އެވެ. މިސްރުގެ ކުރީގެ ރައީސް މުރުސީ އަވަހާރަ ކޮށްލުމުގައި ބައިވެރިވި މީހުންގެ ލިސްޓެއް ވެސް އަބްދުﷲ އާންމު ކުރެއްވި އެވެ.

މިސްރުގެ ކުރީގެ ރައީސް މުރުސީ އަވަހާރަ ވެފައި ވަނީ ޖޫން މަހުގެ 17 ވަނަ ދުވަހު ކޯޓު ތެރެއަށް ވެއްޓި ވަޑައިގެން ނެވެ.

މުރުސީގެ ވެރިކަން އެ ގައުމުގެ އަސްކަރިއްޔާ އިން ބަޣާވާތަކުން ވައްޓާލާ މުރުސީ ހައްޔަރު ކުރީ އަވަހާރަ ވުމުގެ ހަ އަހަރު ކުރިން ނެވެ. މުރުސީ ހައްޔަރު ކުރުމަށްފަހު ދޮގު ތުހުމަތުތަކެއް ކޮށް އެތައް މައްސަލައެއްގައި ދައުވާ ކޮށް ހުކުމް ކޮށްފައިވެ އެވެ.

އަބްދުﷲ އަވަހާރަވިކަން އާއިލާ އިން ކަށަވަރުކޮށްދިން ނަމަވެސް އިތުރު އެއްވެސް ވާހަކައެއް އަދި އެއާއިލާ އިން ދައްކާފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!