މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީޤުކުރާ ކޮމިޝަނުން ތައްޔާރުކޮށްފައިވާ އަޙްމަދު ރިޟްވާން ޢަބްދުﷲ ގެއްލިފައިވާ މައްސަލައިގެ ޑްރާފްޓް ރިޕޯޓުގެ ކޮޕީ، ޕާލަމެންޓަރީ ގުރޫޕް ލީޑަރުން އަތުން އަނބުރާ އަތުލާފައިނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވިދާޅުވެއްޖެއެވެ.
އެ ރިޕޯޓްގައި ރިޔާސީ ކޮމިޝަނަށް ބަޔާން ދެއްވާފައިވާ ސިއްރު ހެކިވެރިންގެ މައުލޫމާތުތައް ވެސް ހިމެނެއެވެ.
ރިޔާސީ ކޮމިޝަންގެ ރިޕޯޓް އެކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅަށް އެރުވީ މިދިޔަ ހޯމަ ދުވަހު އެވެ. ނަޝީދު ވަނީ އެރިޕޯޓް ރައްޔިތުން މަޖިލީހުގެ ޕީޖީ ލީޑަރުންނަށް ވެސް ދެއްވާފައެވެ. އެއާއިއެކު ވަރަށް ގިނަ ބަޔަކު ވަނީ ރިޕޯޓް ލީކްވެ، ސިއްރު މައުލޫމާތުތަކެއް އާއްމުވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މަޖިލިހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފެވެ.